ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަސްލު ދެނެގަތުމަށް ހިންގަމުން ދިޔަ ތަހުގީގު އަލުން ފެށޭތޯ ބެލުމުގެ މަސައްކަތް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރަމުން އަންނަ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޑަބްލިއުއެޗްއޯއިން ދަނީ، އާ ހެކި "ޝިކާރަ ކުރުމަށް"، ސައެންސްވެރިންގެ 20 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދިރާސާ އަލުން ފެށުމަށް ޑަބްލިއުއެޗްއޯއިން އަމާޒު ހިފާފައި މިވަނީ، ކޮވިޑް-19ގެ އަސްލާ ބެހޭ ގޮތުން ޗައިނާގެ ސައެންސްވެރިން މިހާތަނަށް ފޯރުކޮށްދިން މައުލޫމާތަކީ، ބަލި ޖައްސާ ވައިރަހުގެ އަސްކު ދެނެގަތުމަށް ނުފެދޭ މައުލޫމާތަށް ވުމުން ކަމަށް ހަބަރު ލިބެއެވެ.
ކޮވިޑް-19 ޖެހުމަށް މަގުފަހި ކުރާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯއިން އަލަށް އެކުލަވާލާ ޓީމުގައި، ލެބޯޓްރީތަކުގެ ރައްކާތެރިކަމުގެ މިންގަނޑުތަކާ ބެހޭ ސްޕެޝަލިސްޓުންނާއި، ބައޮސެކިއުރިޓީ ތަޖުރިބާކާރުންނާއި، ޖީންތަކާ ބެހޭ ތަޖުރިބާކާރުން ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
އަދި ސާސްކޮވް-2 އަކީ ލެބަކުން އުފެދުނު ވައިރަހެއް ތޯ ބެލުމުގެ ޒިންމާ، މި ޓީމާ ހަވާލު ކުރުން އެކަށީގެން ވާ ކަމަށާ، މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ވައިރަހުގެ ރިސްކު އޮތް ގޮތް ލަފާ ކުރުމާ، އިންސާނީ އާދާކާދައާ އޮތް ގުޅުން ދިރާސާ ކުރަންވެސް މި ޓީމާ ހަވާލު ކުރާނެ ކަމަށް ބެލެވެއެވެ.
ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް އޮތް ފުރުސަތު ދަނީ އިންތިހާއަށް ހަނިވަމުންނެވެ. އެހެނީ އެންމެ ފުރަތަމަ ބަލި ޖެހުނު ކަމަށް ރެކޯޑް ކުރި ކޭސްތަކުން ނެގި ލޭގެ ސާމްޕަލް ބޭނުން ކުރެވޭ މުއްދަތު ހަމަވާ ތާރީހު ގާތްވަމުން ދިއުމެވެ.
ކޮވިޑް-19ގެ އަސްލާ ބެހޭ ގޮތުން އެމެރިކާއިންވެސް ދިރާސާ ރިޕޯޓެއް އެކުލަވާލާފައި ވާއިރު، ޗައިނާއިން ވަނީ އެ ރިޕޯޓަށް ގޮން ޖަހާފައެވެ. އަދި އެމެރިކާގެ ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމަށް ތުހުމަތުކޮށް، ޗައިނާއިންވަނީ ސައެންސްގެ މަގު ހިޔާރު ކުރުމަށްވެސް ގޮވާލާފައެވެ. ކަން މިހެން އޮތް ނަމަވެސް، ސައެންސްގެ އަލީގައި ތަހުގީގު ކުރިއަށް ގެންދިއުމަށްވެސް ޗައިނާއިން ފުރިހަމަ އެއްބާރުލުން ނުދޭ ކަން ފާހަގަ ކުރަން ޖެހެއެވެ.