އަހަރު ތަކަކަށް ފަހު ކޮވިޑް-19 އަކީ މިހާރު ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ހުކުރު ދުވަހު މިކަން އިއުލާނު ކޮށްފައި މިވަނީ ލޮކްޑައުންތަކާއެކު، އިގްތިސާދުތައް ފުނޑުފުނޑުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު މަރުވި ނުރައްކާތެރި ވައިރަހާ ގުޅިގެން އދ.ގެ ސިއްހަތާ ބެހޭ އިދާރާއިން އެންމެ މަތީ ދަރަޖައިގެ އެލާޓް އިއުލާނު ކުރިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޫސް ވިދާޅުވީ އިމަޖެންސީ ކޮމިޓީން 15 ވަނަ ފަހަރަށް ބައްދަލުކޮށް ބައިނަލްއަގްވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް އޭނާއަށް ލަފާ ދީފައިވާ ކަމަށެވެ. އެހެންކަމުން، ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގޮތުގައި ކޮވިޑް-19 އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވާކަން އޭނާ ވަނީ އިއުލާން ކުރައްވާފައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކުއްލި ހާލަތު ނިމުނު ނަމަވެސް 2020 ވަނަ އަހަރުގެ މާޗް މަހު އިއުލާނު ކުރި ބަލިމަޑުކަމަށް ނިމުމެއް ނާންނަކަމަށާއި ދެކުނު އިރުމަތީ އޭޝިއާ އާއި މެދުއިރުމަތީގެ ގައުމުތަކުގައި ކޮވިޑުގެ ކޭސްތައް ދާދި ފަހުން އިތުރުވެފައިވާ ކަމަށެވެ. އެ އެޖެންސީން ބުނީ ކޮރޯނާވައިރަހުގައި އަދިވެސް ކޮންމެ ހަފުތާއަކު އެތައް ހާސް ބަޔަކު މަރުވަމުންދާ ކަމަށެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔެ ނުރައްކަލަށް ވެއްޓިއްޖެ ނަމަ ހާލަތު އަލުން ބެލުމަށް ތަޖުރިބާކާރުން ފަސް ނުޖެހޭނެ ކަމަށް ޓެޑްރޯސް ފާހަގަ ކުރެއްވިއެވެ.

ޓެޑްރޯސް ވިދާޅުވީ ބަލިމަޑުކަން ދަށަށް ދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ކޮވިޑް-19 އުފެދުމުގެ ކުރިން ދިރިއުޅުން އޮތް ގޮތަށް ގިނަ ގައުމުތަކުން މިހާރު ވެސް އެނބުރި ރުޖޫއަވެފައި ވާ ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ މުޖުތަމައުއަށް ލިބުނު ގެއްލުމާމެދު ހިތާމަކުރައްވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި ބަލީގެ ސަބަބުން ވިޔަފާރިތައް ފުނޑުފުނޑުވެ އެތައް މިލިއަން ބަޔަކު ފަގީރުކަމުގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

ޓެޑްރޯސް ބުނީ ކޮވިޑް-19 ޖެހިގެން މަދުވެގެން 20 މިލިއަން މީހުން މަރުވެފައިވާ ކަމަށާއި އެއީ ރަސްމީކޮށް ރިޕޯޓްކުރި 7 މިލިއަނަށް ވުރެ މާ މަތީ އަދަދެއް ކަމަށެވެ.

"ކޮވިޑްގެ ސަބަބުން އަހަރެމެންގެ ދުނިޔެ ބަދަލުވެ، އޭގެ ސަބަބުން އަހަރެމެންނަށް ވަނީ ބަދަލުތަކެއް އައިސްފައި،" އާ ވޭރިއަންޓް ތަކުގެ ނުރައްކާ އަދިވެސް އެބައޮތް ކަމުގެ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވިއެވެ.

ކޮރޯނާވައިރަހަކީ ބައިނަލްއަގްވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ޑަބްލިއުއެޗްއޯ އިން ޖެނުއަރީ 30، 2020 ގައި އެންމެ ފުރަތަމަ ކަނޑައެޅިއިރު، އެ އަށް އޭރު ކޮވިޑް-19 ގެ ނަންވެސް ދީފައެއް ނުވެއެވެ. އޭރު ޗައިނާއިން ބޭރަށް މާ ބޮޑު ބަލިމަޑުކަމެއް ފެތުރިފައެއް ނުވެއެވެ.

އޭގެ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މުޅި ދުނިޔޭގައި މި ވައިރަހުގެ ސަބަބުން ގާތްގަނޑަކަށް 764 މިލިއަން މީހުން ޕޮޒިޓިވް ވެފައި ވާއިރު، ގާތްގަނޑަކަށް ފަސް ބިލިއަން މީހުން ވަނީ ވެކްސިންގެ މަދުވެގެން އެއް ޑޯޒް ޖަހާފައެވެ.