މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ އަސްލު ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށް ގެންދާ ތަހުގީގުތައް ހުއްޓުމަކަށް އައިސްފައި ވާ ކަމަށް، އެ ޖަމިއްޔާގެ މިނިވަން ސައެންސްވެރިންގެ ތަހުގީގު ޓީމުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
ޑަބްލިއުއެޗްއޯގެ މިނިވަން ސައެންސްވެރިންގެ ޓީމުގެ މެންބަރުން ވަނީ، ވައިރަހުގެ އަސްލު ދެނެގަތުމަށް ހުޅުވިފައިވާ ދޮރު ބަންދުވަމުން އަންނަ ކަމަށާ، ވައިރަހުގެ އަސްލު ދެނެގަތުމަށް އޮތް ފުރުސަތު ހަނިވަމުން އަންނަކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
ހެކިތައް ގެއްލި، ނުވަތަ ހެކިތަކުގެ އަސްލު "ކޮރަޕްޓްވެ، ތަޣައްޔަރު" ވަމުން ދާ ނަމަ، ސާސްކޮވް-2ގެ އަސްލު ދެނެގަތުމަކީ ތަކުލީފު ބޮޑުވެގެންދާނެ ކަމެކެވެ.
ސައެންސްވެރިންގެ ޓީމުން މިފަދަ ރޫހެއްގައި ވާހަކަދައްކާފައި ވާއިރު، ޑަބްލިއުއެޗްއޯއިން ވަނީ، ކޮވިޑްގެ އެންމެ ފުރަތަމަ ކޭސްތަކާ ބެހޭ އަސާސީ މައުލޫމާތު، އެ ޖަމިއްޔާއާ ހިއްސާ ކުރުމަށް، ޗައިނާއަށް ގޮވާލާފައެވެ. މިއީ، ތަހުގީގުގެ މަސައްކަތްތައް އަލުން ހިންގައިގަތުމަށް މުހިންމު ފިޔަވަޅެކެވެ. ނަމަވެސް ޗައިނާއިން ދަނީ ތަހުގީގު އަލުން ފެށުމަށް ކުރަމުން ދާ މަސައްކަތްތަކަށް ހުރަސް އަޅަމުން ކަމަށް ހަބަރު ލިބެއެވެ.
ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުންވަނީ ޑިސެމްބަރު 2019ގައި ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރި 174 ކޭހުގެ މައުލޫމާތު، ޗައިނާއިން ދޭ މައުލޫމާތުގެ ތެރޭގައި ހިމެނެން ޖެހޭ ކަމަށް އިޝާރާތް ކުރައްވާފައެވެ. މިއީ ތަހުގީގު ފުރަތަމަ މަރުހަލާގައިވެސް ނުކުރެވި އޮތް ކަމެކެވެ.
ޑަބްލިއުއެޗްއޯގެ ގޮވާލުންތަކަށް ޗައިނާއިން އިންކާރު ކުރަމުން ދަނީ، މައުލޫމާތު ހޯދަން ގޮވާލާ ގޮވާލުމަކީ، ސައެންސްގެ ބަދަލުގައި ސިޔާސީ މަގުސަދު އެކުލެވޭ ގޮވާލުމެއް ކަމަށް ތުހުމަތުކޮށެވެ.