މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން، ޑިސެންބަރު 2019ގައި، ޗައިނާގެ ވޫހާން ސިޓީގައި ފެތުރިފައި އޮތީ، މީގެ ކުރިން ހީކުރެވިފައި އޮތް މިންވަރަށް ވުރެ ގަދައަށް ކަމަށް ބާރުދޭ ސިގުނަލްތަކެއް، ވައިރަހުގެ އަސްލު ދެނެގަތުމަށް ޗައިނާގައި ތަހުގީގު ހިންގާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޓީމަށް ލިބިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ޑަބްލިއުއެޗްއޯގެ ޓީމުން މިހާރު މަސައްކަތް ކުރަމުން ދަނީ، މި ބައްޔަށް ފުރަތަމަ ޕޮޒިޓިވްވި ކަމަށް ބުނާ މީހުންގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލްތައް ހޯދުމަށެވެ. ނަމަވެސް، ޗައިނާއިން އަދި މި ފުރުސަތު ފަހި ކޮށްދީފައެއް ނުވެއެވެ.

ކޮވިޑް-19 ތަހުގީގު ކުރުމަށް ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުގެ މެންބަރުން / ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ސީއެންއެންއާ ވާހަކަ ދައްކަވަމުން، ޑަބްލިއުއެޗްއޯގެ ޓީމުގެ އިސް އިންވެސްޓިގޭޓަރު، ޕީޓާ ބެން އެމްބަރެކް ވަނީ، 2019ގެ ފަހުކޮޅާ ހިސާބަށް އައިއިރުވެސް ކޮވިޑް-19 އިންތިހާއަށް ފެތުރިފައި ވާ ކަމުގެ ހެކި ލިބިފައި ވާ ކަން ހާމަކުރައްވާފައެވެ. އެގޮތުން، ޑިސެންބަރު 2019ގައިވެސް ކޮވިޑްގެ އެކި ސްޓްރެއިންތައް ވޫހާންގައި ފެތުރެމުން ދިޔަ ކަމުގެ ހެކި ލިބިފައި ވާ ކަމަށް އެމްބަރެކް ވަނީ އިޝާރާތް ކުރައްވާފައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ކޮވިޑް-19އަށް އެންމެ ފުރަތަމަ އިންފެކްޓިވިކަން ދެނެގަނެވުނު ޕޭޝަންޓް ކަމަށް ޗައިނާއިން ބުނާ ޕޭޝަންޓާވެސް ބައްދަލު ކޮށްފައެވެ. އެއީ އިދާރީ މަސައްކަތުގައި އުޅޭ މީހެކެވެ. 40 ގެ އަހަރުތައް ގުނަމުން ދާ އެމީހަކީ، ޗައިނާއިން ބޭރަށް ދަތުރުކުރި ކަމުގެ ރެކޯޑް އޮތް މީހެއް ނޫނެވެ. އެމީހާ ކޮވިޑް-19އަށް އިންފެކްޓްވި ކަމަށް ބުނަނީ ޑިސެންބަރު 8، 2019 ގައެވެ.

ކޮވިޑް-19 ތަހުގީގު ކުރުމަށް ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުން ވަނީ ޗައިނާގެ ވޫހާން ސިޓީގެ ބާޒާރުތަކަށް ޒިޔާރަތް ކޮށް މައުލުމާތު އެއްކޮށްފަ / ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

ޗައިނާ ދަތުރު ނިންމަވާލެއްވުމަށްފަހު ސުވިޓްޒަލަންޑްގައި ހުންނަވައިގެން ސީއެންއެންއާ ވާހަކަދައްކަވަމުން އެމްބަރެކް ވިދާޅުވީ، ޑިސެންބަރު 2019ގައިވެސް ވޫހާންގައި ގަދައަށް ބަލިމަޑުކަން ފެތުރެމުން ދިޔަކަން އެނގުމަކީ، ހޯދުނު އާ ހޯދުމެއް ކަމަށެވެ.

އެމްބަރެކް ވިދާޅުވީ ޑިސެންބަރު 2019ގައި ވޫހާންއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 174 ކޭހެއްގެ މައުލޫމާތު، ޗައިނާގެ ސައެންސްވެރިން، ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމާ ހިއްސާ ކޮށްފައި ވާ ކަމަށެވެ. މީގެ ތެރެއިން 100 ކޭސް ކަށަވަރު ކޮށްފައި ވަނީ ލެބޯޓްރީތަކުން ހެދި ތަހުލީލުތަކުންނެވެ. އަދި ބާކީ އޮތް 74 ކޭހަކީވެސް ކޮވިޑް-19ގެ ކޭސްތަކެއް ކަމަށް ކަނޑައެޅީ، ބަލި މީހާގެ ހަށިގަނޑުން ފެނުނު އަލާމާތްތަކަށް ބަލައިގެން ކުރިއަށް ގެންދިޔަ ކުލިނިކަލް ޑައެގްނޯސްޓިކްސްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 ތަހުގީގު ކުރުމަށް ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުން ވަނީ ޗައިނާގެ ވޫހާން ސިޓީގެ ބާޒާރުތަކަށް ޒިޔާރަތް ކޮށް މައުލުމާތު އެއްކޮށްފަ / ފޮޓޯ: އޭބީސީ 30

އެމްބަރެކް ވިދާޅުވީ، ޑިސެންބަރު 2019ގައި، ވޫހާންއިން 1000 އަށް ވުރެ ގިނަ މީހުންނަށް، ސީރިއަސް ދަރަޖައަކަށް ކޮވިޑް-19 ޖެހިފައިވުން އެކަށީގެންވާ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ 17 މެންބަރުންނާއި ޗައިނާގެ 17 މެންބަރަކު ބައިވެރިވެގެން ކުރިއަށް ގެންދިޔަ ތަހުގީގުތަކުގެ ތަފްސީލު ދެއްވަމުން އެމްބަރެކް ވިދާޅުވީ، ވައިރަހުގެ އެންމެ ކުރީކޮޅުން އެއްކުރި ޖެނެޓިކް ސާމްޕަލްތަކުގެ ދިރާސާތައްވެސް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައި ވާ ކަމަށެވެ.

ކޮވިޑް-19 ތަހުގީގު ކުރުމަށް ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުގެ އިސް އިންވެސްޓިގޭޓަރު ޕީޓާ ބެން އެމްބަރެކް / ފޮޓޯ: މީޑިއަމް ކޮރޯނާވައިރަސް ބްލޮގް

މި ގޮތަށް ބެލި ބެލުމުން، ޑިސެންބަރު 2019ގައި އެކަނިވެސް، ތަފާތު 13 ސީކުއަންސްއެއް ހޯދުނު ކަމަށް އެމްބަރެކް ވިދާޅުވިއެވެ. މުޅި ޗައިނާއަށް ހާއްސަކޮށްގެން މި ދިރާސާ ކުރިއަށް ގެންގޮސްފި ނަމަ، ޑިސެންބަރުގެ ކުރިން މި ބަލިމަޑުކަން އުފެދިގެން އައި ސަރަހައްދާއި ވަގުތާ ބެހޭ މުހިންމު ހެކިތަކެއް ލިބިދާނެ ކަމަށްވެސް އެމްބަރެކް ވިދާޅުވިއެވެ.

މި ކަން އިތުރަށް ތަފްސީލު ކޮށްދެއްވަމުން އެމްބަރެކް ވިދާޅުވީ، ބައެއް ކޭސްތަކަކީ ހުނާން ސީފުޑް މާކެޓާ ގުޅިފައިވާ ކޭސްތަކަކަށް ވާއިރު، އަނެއް ބައި ކޭސްތަކަކީ ސީފުޑް މާކެޓާ ގުޅުން ނެތް ކޭސްތަކެއް ކަމަށެވެ. މީގެ ކުރިން އެނގިފައި އޮތް ގޮތުން، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަމުން ދިޔައީ ގަވައިދާ ހިލާފަށް ވަލު ޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓް ސަރަހައްދުންނެވެ. މިއާ ހިލާފު ހެކިތަކެއް ހޯދިފައި ވަނީވެސް ޑަބްލިއުއެޗްއޯއާއި ޗައިނާގެ ޓީމު ގުޅިގެން ކުރި މަސައްކަތުން ކަމަށް އެމްބަރެކް ވަނީ އިޝާރާތް ކުރައްވާފައެވެ.

ކޮވިޑް-19 ތަހުގީގު ކުރުމަށް ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުގެ އިސް އިންވެސްޓިގޭޓަރު ޕީޓާ ބެން އެމްބަރެކް (ކ) / ފޮޓޯ: ހިއުސްޓަން ޓައިމްސް

ޗައިނާއިން ވަނީ ވައިރަހުގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށް ވައުދުވެފައެވެ. އަދި މިކަމުގައި ގެންގުޅޭނީ ދެފުށް ފެންނަ އުސޫލެއް ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމުގެ މަސައްކަތް މިވަގުތަށް ނިންމާލި ނަމަވެސް، ފަހުގެ ތާރީހެއްގައި މި ޓީމުން އަނެއްކާވެސް ވޫހާންއަށް ދަތުރު ކުރާނެ ކަމަށް ބެލެވެއެވެ. ފުރަތަމަ ދަތުރުގެ މައްޗަށް ބިނާ ކޮށް ތައްޔާރުކުރި ހުލާސާ ރިޕޯޓް، ކުރިއަށް މިއޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭ ވަރު ވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.