ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އަސްލަކީ ކޮބައިތޯ ބެލުމަށް ޗައިނާގެ ވޫހާން ސިޓީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހިންގަމުންދާ ތަހުގގާ ގުޅިގެން ސުވާލު އުފެދޭ ގޮތަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވާން ދެއްކެވި ވާހަކަތަކަށް، ޗައިނާއިން ރައްދު ދީފިއެވެ.
އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނަކު ވިދާޅުވީ، ފާއިތުވީ އަހަރުތަކުގައި އެމެރިކާއިން ކުރިހާވެސް ކަމަކީ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ ކުޑައިމީސް ކުރުން ކަމަށާ، އޭގެ ތެރޭގައި ޑަބްލިއުއެޗްއޯގެ ގަދަރުވެސް ހިމެނޭ ކަމަށެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބައިނަލްއަގުވާމީ ގުޅުން ހީނަރު ކުރުވުމަށް އެމެރިކާއިން މަސައްކަތްތަކެއް ކުރި ކަމަށްވެސް ތަރުޖަމާނު ވަނީ ތުހުމަތު ކުރައްވާފައެވެ.
އެމެރިކާއިން މިހާރު އަމަލު ކުރަމުން ދަނީ މިއީ ނުވާ ކަމެއް ކަމުގައި ހަދައިގެން ކަމަށާ، އެމެރިކާއިން ދަނީ އިހުލާސްތެރިކަމާއެކު ޑަބްލިއުއެޗްއޯއަށް އެއްބާރުލުން ދޭ ގައުމުތަކަށް ތުހުމަތުގެ އިނގިލި އަމާޒު ކުރަމުން ކަމަށްވެސް ޗައިނާ އެމްބަސީގެ ތަރުޖަމާނު އާންމު ކުރެއްވި ބަޔާނުގައިވެއެވެ.
ސަލިވާން ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އެންމެ ފުރަތަމަ ދުވަސްވަރުގެ ތަފާސް ހިސާބުތައް އާންމު ކުރުމަށް ޗައިނާއަށް ގޮވާލައްވާ ބަޔާނެއް އާންމު ކުރައްވާފައެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ކުރީކޮޅުގެ މައުލޫމާތު މުއާމަލާތު ކުރެވުނު ގޮތާ ގުޅޭ ސުވާލުތަކަކީ، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ކަންބޮޑުވުންތަކެއް ކަމަށް ވިދާޅުވެ، ސަލިވާން ބަޔާނެއް އާންމު ކުރެއްވީ ހޮނިހިރު ދުވަހުއެވެ. ޗައިނާ ސަރުކާރުގެ އަތެއް ނެތި، މި މައުލޫމާތުތައް ވިލަރެސް ކުރުމުގެ ފުރުސަތު، މިނިވަން ތަހުގީގު ޓީމަށް ދިނުމަށްވެސް ސަލިވާން ވަނީ ގޮވާލައްވާފައެވެ.
ސަލިވާން މިފަދަ ބަޔާނެއް އާންމު ކުރައްވާފައި ވާއިރު، ޑަބްލިއުއެޗްއޯގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މެންވަރަކު ވަނީ، ކޮވިޑް-19އާ ގުޅޭ ސީދާ ތަފާސް ހިސާބުތައް ނުވަތަ ރޯ-ޑޭޓާ ފޯރުކޮށްދިނުމަށް ޗައިނާއިން އިންކާރު ކޮށްފައި ވާ ކަން ހާމަ ކުރައްވާފައެވެ.
ޓީމުގައި ހިމެނިވަޑައިގަންނަވާ އޮސްޓްރޭލިއާގެ އިންފެކްޝަސް ޑިޒީޒަސް އެކްސްޕާޓް، ޑޮމިނީކް ޑޯޔާ ވިދާޅުވީ، ޑިސެންބަރު 2019ގައި، ވޫހާން ސިޓީއިން އެންމެ ފުރަތަމަ ފާހަގަ ކުރެވުނު ކޭސްތަކުގެ ތެރެއިން، 174 ޕޭޝަންޓަކާ ގުޅޭ ރޯ ޑޭޓާ ހޯދުމަށް ޓީމުން ހުށަހަޅާފައި ވާ ކަމަށެވެ. ނަމަވެސް، ޗައިނާއިން ފޯރުކޮށްދިނީ ޕޭޝަންޓުންގެ ހުލާސާ މައުލޫމާތު ކަމަށް ޑޯޔާ ވިދާޅުވިއެވެ.
4 ހަފުތާގެ މުއްދަތަށް ޗައިނާގައި ކުރިއަށް ގެންދިޔަ ތަހުގީގުތައް، ޑަބްލިއުއެޗްއޯގެ ޓީމުން މިހާރު ވަނީ ނިންމާލާފައެވެ.
ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި، ޓީމުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ހުލާސާ ރިޕޯޓް، ކުރިއަށް މިއޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލިބުމުގެ ފުރުސަތު އެބައޮތެވެ.