ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުން، ކަރަންޓީނު ވާން ނުޖެހި ސަލާމަތް ވެވިދާނެ ކަމަށް، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާގައި ބޭނުން ކުރާ ފައިޒާ/ބައޮއެންޓެކްގެ ވެކްސިނާއި މޮޑާނާގެ ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ މީހަކު، ކޮވިޑް-19އަށް ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވުމުން، ކަރަންޓީނު ނުވެ، ދޫކޮށްލެވިދާނެ ކަމަށް ސީޑީސީއިން ބުނެއެވެ.

ނަމަވެސް، މީގެ މާނައަކީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަކޮށް، އެކަން ދޫކޮށްލުން ނޫން ކަމަށްވެސް، ސީޑީސީއިން އަޕްޑޭޓްކޮށް، ޝާއިއު ކުރި ގައިޑްލައިންގައިވެއެވެ.

2 ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިންވެސް ކަރަންޓީނަށް ނުގޮސް ހުރުމުގެ ފުރުސަތު އޮންނާނީ، ވަކި ކްރައިޓީރިއާއެއް ނުވަތަ ޝަރުތުތަކެއް ފުރިހަމަ ވާ މީހުންނަށް ކަން ސީޑީސީއިން ފާހަގަ ކުރެއެވެ. އެގޮތުން، 2 ޑޯޒް ފުރިހަމަ ކޮށްފައި ވުމާއެކު، 2 ވަނަ ޑޯޒް ނެގިތާ 2 ހަފުތާ ހަމަވެފައި ވުން ލާޒިމެވެ. އެހެނީ، ފުރިހަމަ ދިފާއެއް އުފެދެން ފަށަނީ ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށް، 2 ހަފުތާ ފާއިތުވުމުން ކަމުގައި ވާތީއެވެ.

ކަން މިހެން އޮތް ނަމަވެސް، މި ހިމާޔަތަކީ 3 މަހެއްހާ ދުވަހުގެ ތެރޭގައި އުވި ދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމުން، ވެކްސިން ފުރިހަމަ ކުރިތާ 3 މަސް ހަމަވެފައިވާ މީހުން ކަރަންޓީނަށް ދާން ޖެހޭނެ ކަމަށް ސީޑީސީއިން ބުނެއެވެ. އަދި ހަށިގަނޑުން، ބަލީގެ އަލާމާތް ފެންނަ ކަމުގައި ވަނީ ނަމަވެސް، އެމީހަކު ކަރަންޓީނު ވާންޖެހޭނެ ކަމަށް ސީޑީސީއިން ބުނެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިނާ ގުޅިގެން، ވެކްސިން ޖަހާ މީހުންނަށް ލިބޭ ލުއިތަކާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި އަދި ވަކި އިމްތިޔާޒުތަކެއް ހަމަޖެއްސިކަން އިއުލާން ކޮށްފައެއް ނުވެއެވެ.