މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އުފެދުނު ގޮތް ކަށަވަރު ކުރުމަށް އަހަރުތަކެއްވެސް ހޭދަވެގެން ހިނގައިދާނެ ކަމަށް، މިކަމާ ގުޅޭ ތަހުގީގުތައް ހިންގުމަށް ޗައިނާގެ ވޫހާން ސިޓީގައި ހަރަކާތްތެރިވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަހުގީގު ޓީމުގެ މެންބަރަކު ވިދާޅުވެއްޖެއެވެ.

ވޫހާން ސިޓީގައި ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމުގައި ހިމެނިވަޑައިގަންނަވާ ޒޫލޮޖިސްޓް، ޑރ ޕީޓާ ޑަޒަކް ވިދާޅުވީ، ކޮވިޑް-19 އުފެދުނު ގޮތުގެ ސާފު މަންޒަރު ސައެންސްވެރިންނަށް ލިބޭނެ ކަމަށާ، ނަމަވެސް އެކަމަށް އަދި ހަފުތާތަކެއް ނުވަތަ މަސްތަކެއް ނުވަތަ އަހަރުތަކެއްވެސް ހޭދަވެދާނެ ކަމަށެވެ.

ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލު ދެނެގަތުމަށް ޗައިނާގައި ތަހުގީގު ހިންގާ ޑަބްލިއުއެޗްއޯގެ ޓީމުގެ ބައެއް މެމްބަރުން / ފޮޓޯ: ޓައިމް މެގަޒިން

ސީއެންއެންގެ ބެކީ އެންޑަސަންއާ ވާހަކަދައްކަވަމުން ޑރ ޑަޒަކް ވިދާޅުވީ، ޑިސެންބަރު 2019ގެ ކުރިން، ޗައިނާގެ އެކި ހިސާބުތަކުގައި ކޮވިޑް-19ގެ ކްލަސްޓާތަކެއް އުޅުނު ކަމުގެ ހެއްކެއް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި މި ވައިރަހަކީ އެހެން ގައުމަކުން ޗައިނާއަށް ދަތުރުކުރި މީހަކު "ގެނައި" ވައިރަހަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ޑރ ޑަޒަކް ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ ޑަޒަކް އިތުރަށް ވިދާޅުވީ، ކޮވިޑް-19ގެ "ޕޭޝަންޓް-ޒީރޯ" އަދިވެސް ހޯދިފައި ނުވާ ކަމަށާ، ޕޭޝަންޓް ޒީރޯ ނުހޯދި ދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެނީ، އެސިމްޓޮމެޓިކް ނުވަތަ ހަށިގަނޑުގެ ބޭރު ފުށުން ބަލީގެ އަލާމާތްތައް ނުފެންނަ ކޭސްތައް ގިނަވުން ކަމަށްވެސް ޑރ ޑަޒަކް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރި ވޫހާންގެ ސީފުޑް މާކެޓް ސަރަހައްދުގައި ޕީޕީއީގައި ބަޔަކު ހަރަކާތްތެރި ވަނީ / ފޮޓޯ: އިންޑިޕެންޑެންޓް

ޗައިނާގައި ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމާއި ޗައިނާގެ މެޑިކަލް ޓީމުތަކާއެކު މަސައްކަތް ކުރުމުގައި މަސްލަހަތު ފުށު އެރުން ފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، އެ ފަދަ ކަމެއް ނުހިނގާ ކަމަށް ޑރ ޑަޒަކް ވަނީ ފާހަގަ ކުރައްވާފައެވެ. މި މޭރުމުން ޑރ ޑަޒަކް ވިދާޅުވީ، އެއްވެސް ކަމެއް ހިނގަން ޖެހޭ އުސޫލާ ހިލާފަށް ހިންގާފައި ވާ ކަމުގެ ހެއްކެއް ފެނިފައި ނުވާ ކަމަށާ، ސަލާމަތަށް ނުރައްކާ ވާ ފަދަ އަމަލެއްވެސް ހިންގާފައި ވާ ކަމުގެ ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޓީމުގައި ޑަބްލިއުއެޗްއޯގެ 17 ސައެންސްވެރިއަކު ހިމެނެއެވެ. މި ސައެންސްވެރިންގެ އިތުރުން ޗައިނާގެ 20 ސައެންސްވެރިއަކުވެސް މި ތަހުގީގުގައި ބައިވެރިވެއެވެ.

ޗައިނާގެ ވޫހާން ސިޓީގައި ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމުން ހަރަކާތްތެރި ވަނީ / ފޮޓޯ: އޭޕީ

މި ޓީމުތަކުން، ގިނަ ލެބްތަކަކަށް ޒިޔާރަތްކޮށް، ވަރަށް ހައްސާސީ ސުވާލުތައްވެސް ކުރިމަތި ކޮށްފައި ވާނެ ކަމަށް ޑރ ޑަޒަކް ވަނީ ހާމަ ކުރައްވާފައެވެ. މި އިންޓަވިއުތަކާއި، ތަފާސް ހިސާބުތަކާއި ޓްރާންސްކްރިޕްޓަކަކީ، ޑަބްލިއުއެޗްއޯއިން ދެން ނެރޭ ރިޕޯޓެއްގައި ޝާއިއު ކުރާނެ މައުލޫމާތު ކަމަށް ވެސް ޑރ ޑަޒަކް ވިދާޅުވިއެވެ. އަދި މިކަމުގައި ޗައިނާއިން ގެންގުޅޭ ހާމަކަން ބޮޑު އުސޫލަށް، ޑރ ޑަޒަކް ވަނީ ތައުރީފުވެސް ކުރައްވާފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓަކުންނެވެ. ނަމަވެސް މިއީ ކޮވިޑް-19ގެ ހަގީގީ ފެށުމަށް ނުވެދާނެ ކަމަށް ޗައިނާއިން ދަނީ ތަކުރާރުކޮށް ވަކާލާތު ކުރަމުންނެވެ.