"އެއްވެސް ކަމެއް ނުކޮށްދޭ" ކަމުގެ ޝަކުވާ ކުރައްވަމުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އެ ގައުމުގެ އެކްޓަރުންގެ ޔޫނިއަންގެ މެންބަރުކަން ދޫކޮށްލައިފިއެވެ.

ސްކްރީން އެކްޓާޒް ގިލްޑް-އެމެރިކަން ފެޑަރޭޝަން އޮފް ޓެލެވިޝަން އެންޑް ރޭޑިއޯ އާޓިސްޓްސް (އެކްޓަރުންގެ އިއްތިހާދު) ގެ މެންބަރުކަން، ޓްރަމްޕް ދޫކޮށްލެއްވި މި ދަނޑިވަޅަކީ، ޖެނުއަރީ 7 ވަނަ ދުވަހު ކެޕިޓޮލް ބިލްޑިންގް ސަރަހައްދުގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ޖަރީމާއާ ގުޅިގެން، އެ އިއްތިހާދުގެ މެންބަރުކަމުން ޓްރަމްޕް ވަކި ކުރުމުގެ ވާހަކަތަކެއް ފެންމަތިވެފައި ވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ އެކްޓަރުންގެ އިއްތިހާދަކީ ފިލްމީ ފަންނުވެރިންގެ އިތުރުން މީޑިއާ ދާއިރާގައި މަސައްކަތް ކުރާ 160000 ތަމްސީލު ކުރާ އިއްތިހާދެކެވެ.

މި އިއްތިހާދުގެ ރައީސް ގެބްރިއޭލް ކާޓެސިސްއަށް ފޮނުއްވި ސިޓީއެއްގައި ޓްރަމްޕް ވަނީ އެ އިއްތިހާދުގެ މެންބަރުކަމުން ޓްރަމްޕް ވަކި ކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް ރައްދު ދެއްވާފައެވެ. އެއީ ކޮންމެ މީހަކަށްވެސް "ވަރިހަމަ" އޭ ބުނެލެވޭހާ ބޭކާރު ކަމެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އެކްޓަރުންގެ އިއްތިހާދުން ޓްރަމްޕަށް މެންބަރުކަން ކަށަވަރުވީ 1990ގެ އަހަރުތަކުގައި ގިނަ ބައެއްގެ ސަމާލުކަން ހޯޑި "ހޯމް އަލޯން 2" ފަދަ ފިލްމުތަކާއި، "ސެކްސް އެންޑް ދަ ސިޓީ" ފަދަ ޓީވީ ޕްރޮގްރާމްތަކުގައި ޓްރަމްޕް އަދާ ކުރެއްވި ރޯލުތަކުންނެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން ޓްރަމްޕް އެންމެ ފަހުން ފެނިގެން ދިޔައީ "ދި އެޕްރެންޓައިސް" އާއި އެ ޝޯގެ ސްޕިން-އޯފް ޝޯއެއްގެ ގޮތުގައި ގެނެސްދިން "ސެލެބްރިޓީ އެޕްރެންޓައިސް" އިންނެވެ.