ހާރިޖީ ސިޔާސަތު އެކައަށާ އެމެރިކާގެ ފަރާތްތަކުން، އީރާނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމައަށް ދާންވީ ކަމަށް ގޮވާލަމުން ދަނިކޮށް އެކަން ކުރެވޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެން ކަމަށް ކަނޑައަޅައިދޭން މެމްބަރަކު މަޖިލީހަށް ހުށަހަޅައިފިއެވެ.

ވާޖީނިއާ އަށް ނިސްބަތްވާ ޑިމޮކެރެޓް ޕާޓީގެ މެންބަރު ޓިމް ކައިނޭ ހުށަހެޅުއްވި ބިލުގައި ވަނީ، އީރާނާ ދެކޮޅަށް ހަނގުރާމައަށް ދާން އަމިއްލަފުޅަށް ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމުން މަނާ ކުރުމަށާއި، އެކަން ކުރުމުގެ ކުރިން ކޮންގްރެސް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

ބިލު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، މިހާރު އިޒްރޭލާއި އީރާނު ކުރަމުން ދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ އެކަން ވާނީ ނިމުމެއް ނެތް ހަމަނުޖެހުމެއްގެ ތެރެއަށް އަނެއްކާ އެމެރިކާ ދިޔުން ކަމަށެވެ.

މި ބިލު ފާސްވެއްޖެ ނަމަ ހަނގުރާމައަށް ދާން ނިންމުމުގެ ފުރިހަމަ ބާރު އެމެރިކާގެ ރައީސަށް ލިބިދޭ ގޮތަށް، 1973 ގައި އެމެރިކާއިން ވިއެޓްނާމާ ކުރި ހަނގުރާމައިގައި ފާސްކުރި ބިލް އުވޭނެއެވެ.

އެމެރިކާގެ ގާނޫނު އަސާސީ ބުނާގޮތުން މިހާރުވެސް ހަނގުރާމަ އިއުލާން ކުރުމުގެ ބާރު އޮންނަނީ ކޮންގްރެސް އަށެވެ. ނަމަވެސް ކުރިން ބުނި ބިލާއި ރައީސަކަށް ހުންނަ ފަރާތަކަށް އޮންނަ އިމްތިޔާޒުތަކުގެ ބޭނުން ކޮށްގެން ކޮމާންޑާ އިން ޗީފް ގެ ހައިސިއްޔަތުން ސިފައިން ފޮނުވައިގެން އެކިއެކި ހަނގުރާމަތަކުގައި ބައިވެރި ކުރަމުން ގެންދެއެވެ.

އެއީ ގާނޫނު އަސާސީގައި މުތުލަގަށް ބުނާ ބާރާއި ފުށުއެރުމެއް ކަމަށް ބައެއް މެންބަރުން ވިދާޅުވެއެވެ.

ކައިންގެ ބިލު މިއައި ވަގުތަކީ، ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު މައި ޕާޓީގައި، ހަނގުރާމަ އާ ދެކޮޅަށް އަޑުއުފުލާ މެންބަރުން އެވާހަކަ ދައްކަމުން ދާ ވަގުތެކެވެ. މިހާރުވެސް ކޮންގްރެސްގައި އެމެންބަރުން ފާޅު ކުރައްވަމުން ގެންދަވާ ޝުއޫރުތަކުގައި އީރާނު ހަނގުރާމައިގެ ތެރެއަށް އެމެރިކާ ނުވަނުމަށާއި، އެއީ އެމެރިކާގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށް ވިދާޅުވަމުން ގެންދަވައެވެ. އަދި ޓްރަމްޕް ވެރިކަމަށް ވަޑައިގަތީ 'އެމެރިކާ ފަސްޓް' ނުވަތަ އެންމެ ފުރަތަމަ އެމެރިކާ ކަމަށް ބުނާ ޝިއާރާ އެކުގައި ކަމަށާއި، އަދި ޓްރަމްޕް ވެވަޑައިގަންނަވާނީ ދުނިޔެ ސުލްހަ ކުރައްވާ ލީޑަރަކަށް ކަމަށް ވިދާޅުވާ ވިދާޅުވުމާ ފުށޫ އަރާ ކަމަށެވެ.

މިވަގުތު ގާނޫނު ހަދާ މަޖިލީހުގެ 2 ގޭގައި ވެސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮތް ނަމަވެސް، ހަނގުރާމަ އާ ދެކޮޅު ރިޕަބްލިކަން މެންބަރުންނާއި ޑިމޮކްރެޓު މެންބަރުންގެ ތާއީދާއެކު ބިލް ފާސްވެދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ބިލް ގާނޫނަކަށް ވުމަށްޓަކައި 2 ގެއިން ފާސް ވެ ރައީސް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަ ވައެވެ. މުރާސިލުން ބުނަނީ ބިލް ފާސްވިޔަސް ޓްރަމްޕް ބިލް ތަސްދީގު ނުކުރައްވާނެ ކަމަށެވެ. އެހެން ދިމާވެއްޖެ ނަމަ ސެނެޓާއި ކޮންގްރެސްގެ 3 ބައި ކުޅަ 2 ބައި ގެ ވޯޓުން ބިލް ގާނޫނަކަށް ހެދޭނެއެވެ.

މި ބިލްގެ ބަހުސް އަދި ފަށާފައި ނުވާ އިރު، ޓްރަމްޕް ރޭ ވަނީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ.

މުރާސިލުން ބުނަނީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުން ތަކަށް ފަހު ހަނގުރާމައަށް ދިޔުމާ މެދު ގޮތެއް ނިންމާ އިއުލާން ކުރައްވާނެ ކަމަށެވެ. އަދި އެންމެ ގާތް ގޮތަކީ، އިޒްރޭލާ ބައިވެރިވާން އެމެރިކާއިން ހަނގުރާމައަށް ދިޔުން ކަމަށާއި މިހާރުވެސް މެދުއިރުމަތިން ފެންނަމުން ދަނީ އެފަދަ ނިޝާންތަކެއް ކަމަށެވެ.

އެގޮތުން އެމެރިކާގެ ފައުޖުތައް އިތުރު ކުރުމާއި ބޮން އަޅާ ބޯޓުތައް ގެންދިޔުމާއި ހަނގުރާމަ މަތީ މަނަވަރުތައް ގެންދިޔުމުގެ އިތުރުން، ވައިގެ ތެރޭގައި ތެޔޮ އަޅަން ބޭނުންކުރާ ޒާތުގެ 100 ބޯޓު، މެދުއިރުމައްޗާ ކައިރި ގައުމުތަކަށް ގެންގޮސްފައި ވާ ކަމަށެވެ. މި ހުރިހާ ބަދަލުތަކާއެކު މުރާސިލުން ބުނަނީ، ހަނގުރާމައަށް އެމެރިކާ ވަންނާނެ ކަމަށާއި މިހާރުވެސް، އިޒްރޭލގެ ޖެޓް ތަކަށް ވައިގެ ތެރޭގައި ތެޔޮ އަޅައިދެމުން ގެންދަނީ އެމެރިކާގެ ބޯޓުތަކުން ކަމަށެވެ. އަދި އީރާނުގެ މަގާމުތައް ދެނެގަތުމުގައި ސެޓެލައިޓުގެ އެހީގައި ލައިވް މަންޒަރުތައް ނުވަތަ އިމޭޖަރީ އާއި އިންޓެލިޖެންސް ފޯރުކޮށް ދެމުން ގެންދާ ކަމަށެވެ.

އެހެން ކަމުން ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަން ހިނގަނީ އެގަމުން ނޫން ކަމަށް މުރާސިލުން ބުނެއެވެ.