މި ޒަމާނަކީ ހުރިހާ ކަމެއްވެސް ސޯޝާލް މީޑިއާ ޕްލެޓްފޯމުން ހަމަޖައްސާލައިގެން ނޫނީ ފަރުޖެހޭ ޒަމާނެއް ނޫނޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ބައެއް މީހުންނަށް ފެންފޮދެއްވެސް ބޮވެނީ ސޯޝަލް މީޑިއާގައި އެ ވާހަކަ ލިޔެލުމަށް ފަހުގައެވެ. ވޯޓޭއް ލިޔަސް އެ ވާހަކަ ސޯޝަލް މީޑިއާގައި ޖަހަންޖެހެއެވެ.

މިފަދަ އިޖުތިމާއީ ބަލިމަޑުކަމެއްގައި ދުނިޔެ ޖެހިފައިވަނިކޮށް އިންސާނިއްޔަތަށް ކުރިމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ޖެހުމުގެ ކެމްޕޭންގެ ފޯރި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަނީ ގަދަވާން ފަށާފައެވެ. ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގައުމުތަކުގެ އިސްވެރިންނާއި ފާހަގަކޮށްލެވޭ އެކި ކަހަލަ ޝަހުސުން، ވެކްސިން ޖަހަމުން ސޯޝަލް މީޑިއާއަށް ފޮޓޯތަކާ ވީޑިއޯތައް ދޫކުރިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ، ފައިޒާއާއި ބައޮއެންޓުން ތަރައްގީ ކުރި ކޮވިޑް ވެކްސިން ޖަހަނީ / ފޮޓޯ: އޭޕީ

އާބާދީގެ ގިންތިއަކަށް ފަހު ގިންތިއަކަށް ވެކްސިން ފުޅާ ކުރަމުން ގޮސްފައި ވާއިރު، ވެކްސިން ޖަހާ މަންޒަރުގެ ތަސްވީރުތަކާއެކު، ވެކްސިން ޖެހިކަން އަންގައިދިނުމަށް ދޫކޮށްފައިވަ ކާޑުގެ މަންޒަރުތައްވެސް ސޯޝަލް މީޑިއާއަށް ދޫކުރަމުން އަންނަ ކަން ފާހަގަ ކުރަން ޖެހެއެވެ. ނަމަވެސް، މިއީ ހިތާމަ ހުރި ކަމެކެވެ.

ވެކްސިން ޖެހިކަން ބަޔާންކޮށް ރަސްމީ ފަރާތުން ތިބާއާ ހަވާލު ކުރާ ކާޑަކީ ޒާތީ، މުހިންމު މައުލޫމާތުތަކެއް އެކުލެވޭ ހައްސާސީ ލިޔެކިއުމެކެވެ. ފުރިހަމަ ނަމާ، އުފަން ދުވަހާއި، ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުން ފެށިގެން ގޮސް، ވެކްސިނާ ބެހޭ ތަފްސީލީ އެތައް މައުލޫމާތެއް މި ކާޑުގައިވެއެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ވެކްސިން ކާޑެއް / ފޮޓޯ: ޓްވިޓާ

ބެޓާ ބިޒްނަސް ބިއުރޯގެ ކާލާ ލެއާޑް ވިދާޅުވަނީ ވެކްސިން ޖެހުމުގެ ފޯރި ކިތަންމެ ގަދަވެ، ޖޯޝު އާވި ކަމުގައި ވީ ނަމަވެސް، ސޯޝަލް މީޑިއާގައި ވެކްސިން ކާޑުގެ ތަފްސީލުތައް އެނގޭނެ ހެން ފޮޓޯ ހިއްސާކޮށްގެން ނުވާނެ ކަމަށެވެ.

ސޯޝަލް މީޑިއާއަށް ވެކްސިން ކާޑު ދޫކޮށްލަނީ ބަލިން ދިފާއުވުމަށް އުފެދިފައިވާ ޖޯޝީ ރޫހުގައި ކަމުގައި ވީ ނަމަވެސް، ނުވަތަ އެއީ އެހެން ބަޔަކަށް ހިތްވަރު ދިނުމުގެ ގޮތުން ކުރި ކަމެއް ކަމުގައި ވީ ނަމަވެސް، މިއީ ޝަހްސު ވަގަށް ނެގުމުގެ ޖަރީމާއަށް ފެންބޮވައިގެންފައިވާ މީހުނަށް ދެވޭ ރަނުގެ ފުރުސަތެއް ކަމަށް ލެއާޑް ވިދާޅުވެއެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ވެކްސިން ކާޑެއް / ފޮޓޯ: ފޭސްބުކް

މިފަދަ ހައްސާސީ، ތަފްސީލީ މައުލޫމާތު ސޯޝަލް މީޑިއާއަށް ދޫކޮށްލުމަކީ ފޭކު ވެކްސިން ކާޑު ދައުރު ކުރުމަށް ކޮށާ ދެވޭ މަގެއް ކަމަށްވެސް ލެއާޑް ވަނީ އިންޒާރު ކުރައްވާފައެވެ. ވިލާތުގެ ބައެއް ގައުމުތަކުން މިކަން ފެންނަން ފަށާފައި ވާ ކަމަށާ، ޓިކްޓޮކްއާއި އީބޭގައިވެސް ފޭކު ވެކްސިން ކާޑު ވިއްކަމުން އަންނަ މައްސަލަ ފެންމަތިވެފައި ވާކަމަށް ލެއާޑް ތަފްސީލު ކޮށްދެއްވިއެވެ.

ދިވެހިރާއްޖޭގައިވެސް އާންމު އުސޫލުން ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ބައެއް މީހުންގެ ވެކްސިން ކާޑު، އެންމެ ހައްސާސީ އަދި ތަފްސީލީ މައުލޫމާތު ފެންނަ ފަދަ ގޮތަކަށް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި ވާ ކަން ހިތާމައާއެކު ފާހަގަ ކުރަންޖެހެއެވެ.