އެދިވަޑައިގަންނަވަނީ ސްރީލަންކާއަށް އިތުރު ކުރިއެރުންތަކެއް ލިބެމުން ދިއުން ކަމަށާއި، އުއްމީދަކީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވެ، ވަރުގަދަ ވެގެން ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާއިން އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ސްރީލަންކާގައި މިއަދު ފާހަގަ ކުރަމުން ދާ އެ ގައުމުގެ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ސްރީލަންކާގެ ރައީސް ގޮތަބާޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަ ޓެގް ކުރައްވާ، ކުރެއްވި ޓްވީޓެއްގައެވެ.

ރައީސްގެ ޓްވީޓްގައި، ސްރީލަންކާގެ އަހުންނާއި އުހުތުންނަށް ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވެސް ވަނީ، ލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދަނާއަށް ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

ދިވެހިރާއްޖެއާއި ލަންކާ ހިއްސާކުރާ ތާރީހީ، ގާތް ގުޅުންތައް ދެމެހެއްޓުން މަތީ މި ގައުމު ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން، ޝާހިދު ވަނީ ލަންކާގެ ފޮރިން މިނިސްޓަރަށް އަރުވާފައެވެ.

ސްރީލަންކާގެ އާ ރައީސް ގޮތަބާޔާ ރާޖަޕަކްސަ (ކ) ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކޮޅުނބުގައި ބައްދަލުކުރައްވަނީ/ ފައިލް ފޮޓޯ: ޓްވިޓާ

ސްރީލަންކާގެ މިނިވަން ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓްގައި ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ސްރީލަންކާއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސިލްސިލާ ގޮތެއްގައި މިނިވަން އިންތިހާބުތަކެއް ބާއްވާ، ސުލްހަވެރި ކަމާއެކު ބާރުތައް ހަވާލު ކުރުމުގައި ކާމިޔާބު ހޯދާ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށް ވިދާޅުވެ، ލަންކާއަށް ތައުރީފު ކުރައްވާފައެވެ.

ސްރީލަންކާގެ 73 ވަނަ މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވެރިރަށް ކޮޅުނބުގައި ހުންނަ އިންޑިޕެންޑެންސް ސްކޮއާ ސަރަހައްދުގައެވެ.

މި ހަރަކާތްތައް ފަށާފައިވަނީ ލަންކާ ގަޑިން މިއަދު ހެނދުނު 07:30ގައެވެ.

ސްރީލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ދާނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، ސިއްހީ ގޮތުން ތަންފީޒު ކުރަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.

ސްރީލަންކާގެ މިނިވަން ދުވަހަށް، ސްރީލަންކާގެ ގައުމީ ދުވަހުގެ ގޮތުގައިވެސް ރިއާޔަތް ކުރެވެއެވެ. ސްރީލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، އިނގިރޭސިންގެ އިސްތިއުމާރީ މުށުތެރެއިން މިނިވަންކަން ލިބުނު އުފާ ފާޅު ކުރުމުގެ ގޮތުންނެވެ. އިނގިރޭސިންގެ އަތުން ލަންކާ މިނިވަންވީ ފެބުރުއަރީ 4، 1948 ގައެވެ.

ސްރީލަންކާ އަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިގެން ދިރިއުޅެމުން އަންނަ ގައުމެވެ.