މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަސް ލީކުވި ކަމަށް ގިނަ ބަޔަކު ތުހުމަތުގެ އިނގިލި އަމާޒު ކުރާ، ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލިޖީ ލެބަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަހުގީގު ޓީމުން ޒިޔާރަތް ކޮށްފިއެވެ.
ކޮވިޑް-19އަށް މަގުފަހި ކުރާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ އަސްލު ދެނެގަތުމަށް ޗައިނާގައި ތަހުގީގު ހިންގަމުންދާ ޑަބްލިއުއެޗްއޯގެ މިނިވަން ތަހުގީގު ޕެނަލުން ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލިޖީ ލެބަށް ޒިޔާރަތް ކުރީ މިއަދުގެ ވަގުތެއްގައެވެ. މިއީ، ތަހުގީގު ޓީމުން ޒިޔާރަތް ކުރަން ހަމަޖެހިފައިވާ މަންޒިލްތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަންޒިލްވެސްމެއެވެ.
ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ވޫހާން ސިޓީގައި ހިންގާ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލިޖީ ލެބުން ކޮވިޑް-19 ޖައްސާ ވައިރަސް ލީކުކޮށްލީ ކަމަށް އެންމެ ހަރުއަޑުން ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްއެވެ. ނަމަވެސް މިކަމަށް ބާރުދޭ، ސާބިތު އެއްވެސް ހެއްކެއް ޓްރަމްޕް ދައްކަވާފައެއް ނުވެއެވެ.
ޑަބްލިއުއެޗްއޯގެ ޓީމުން މިހާރު ވަނީ ކޮވިޑް-19އާ ގުޅޭ މުހިންމު ހޮސްޕިޓަލިތަކާއި ބާޒާރުތަކަށްވެސް ޒިޔާރަތްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައެވެ. އެގޮތުން، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެނުނު ހުނާން ސީފުޑް މާކެޓްއާއި، ފުރަތަމަ ކޭސްތަކަށް ފަރުވާ ދިން ހޮސްޕިޓަލަށްވެސް ޓީމުން ވަނީ ޒިޔާރަތް ކޮށްފައެވެ.