ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމުން ބަލި ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދީ ހިފަހައްޓާލުމުގެ އިތުރުން، އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ގުޅިގެން ތަރައްގީ ކުރި ކޮވިޑް ވެކްސިނަކީ، އެކެއްގެ ހަށިގަނޑުން އަނެކާގެ ހަށިގަނޑަށް ވައިރަސް ފެތުރިގެންދާ މިންވަރު ކޮންޓްރޯލް ކުރުމުގެ ފުރުސަތު އިންތިހާއަށް އޮތް ވެކްސިނެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާ ޓީމުން އާންމު ކުރި ޕްރީޕްރިންޓް ޕޯސްޓެއްގައި ބުނެފައި ވަނީ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރާތާ 2 ވަނަ ހަފުތާއިން ފަށާއިގެން ބަލީގެ އަލާމާތްތަކުގެ މައްޗަށް ކުރި ހޯދުމުގެ ކާމިޔާބީ ރޭޓް އުޅެނީ 66.7 ޕަސެންޓްގައި ކަމަށެވެ.
ޓްރާންސްމިޝަން ރޭޓް ނުވަތަ އެކެއްގެ ހަށިގަނޑުން އަނެކާގެ ހަށިގަނޑަށް ވައިރަސް ފެތުރޭ މިންވަރާ ގުޅޭ ވަކި ޕަސެންޓެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދިރާސާގެ ބައިވެރިންގެ ނޭފަތުން ނެގި ސާމްޕަލްތަކަށް ބަލާއިރު، ޕީސީއާރް ޓެސްޓުން ކޮވިޑް-19އަށް ޕޮޒިޓިވްވި ރޭޓް، 2 ބައިކުޅަ 1 ބައި ދަށްވި ކަމަށް ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.
ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކުރި ވެކްސިންތަކުގެ ޓްރަޔަލްތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރީ، ބަލި ޖެހުމުން ހާލަތު ގޯސް ނުވެ ހިފަހައްޓާލެވޭ ފަދަ މޭރުމަކުން ވެކްސިން ފަރުމާ ކުރުމަށެވެ. ޓްރާންސްމިޝަން ރޭޓާއި ވެކްސިނާ އޮތް ގުޅުމާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް މީގެ ކުރިން ލިބިފައެއް ނުވެއެވެ.
އޮކްސްފޯޑް ޔުނިވަސިޓީއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، ފުރަތަމަ ޑޯޒްއާއެކުގައިވެސް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިއްބައިދޭ ކަން ވަނީ ކަށަވަރު ކުރެވިފައެވެ.
އެގޮތުން، ފުރަތަމަ ޑޯޒްއަށް ފަހު 3 މަސް ވަންދެން ބައްޔާ ދެކޮޅަށް، 76 ޕަސެންޓް ކާމިޔާބު ދިފާއެއް ލިއްބައިދޭ ކަމަށް މައުލޫމާތު ލިބެއެވެ. ވެކްސިން ޖަހާ ފުރަތަމަ 22 ދުވަހާއި 90 ދުވަހާ ދެމެދު، ހަށިގަނޑުގައި އެއް ހަމައެއްގައި އެންޓިބޮޑީޒް ހިފަހައްޓާލާ ކަމަށްވެސް ދިރާސާއިން ވަނީ ދައްކާފައެވެ.
މިއާއެކު އޮކްސްފޯޑް ޓްރަޔަލްގެ އިސް އިންވެސްޓިގޭޓަރު އެންޑްރޫ ޕޯލާޑް ވަނީ، ދެ ޑޮޒްގެ ދެމެދުގައި ހޭދަވާ މުއްދަތު، 12 ހަފުތާއަށް އިތުރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިޝާރާތް ކުރައްވާފައެވެ. މިހާރު ހަމަޖެހިފައި އޮތް އުސޫލުން ނަމަ، ފުރަތަމަ ޑޯޒް ޖަހާތާ 28 ދުވަހުގެ ތެރޭގައި 2 ވަނަ ޑޯޒް ޖަހަން ޖެހެއެވެ.
ކޮވިޑް-19އިން ދިފާއުވުމަށް ދިވެހިރާއްޖޭގައިވެސް ވެކްސިން ކެމްޕޭން ފަށާފައިވާއިރު، މި ކެމްޕޭންގައި މިވަގުތު ބޭނުން ކުރަމުންދަނީ އަސްޓްރާޒެނީކާގެ ފޯމިއުލާއަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިވާ ހަމައެކަނި ވެކްސިނަކީވެސް ކޮވިޝީލްޑް ވެކްސިނެވެ.