މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމަށް މަގުފަހި ކުރާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ އަސްލު ދެނެގަތުމަށް ޗައިނާގައި ހަރަކާތްތެރިވަމުންދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޓީމާއި ޗައިނާގެ ބައިވެރިންނާ ދެމެދު ބިނާ ކުރަނިވި ވާހަކަތަކެއް ދެކެވިފައި ވާ ކަމަށް ޑަބްލިއުއެޗްއޯގެ ޓީމުން ބުނެފިއެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރި ޗައިނާގެ ވޫހާން ސިޓީގައި ހަރަކާތްތެރިވަމުން އަންނަ ޑަބްލިއުއެޗްއޯގެ ޓީމުން ވަނީ، ފުރަތަމަ ރިޕޯޓް ކުރި ކޭސްތަކާ ގުޅިފައިވާ ހުނާން ސީފުޑް މާކެޓަށް ޒިޔާރަތްކޮށް، އެ ތަނުގައިވެސް ތަހުގީގުތަކެއް ހިންގާފައެވެ. ސީފުޑް ބާޒާރުގެ ވެށިން ސާމްޕަލް ނެގުމުގެ އިތުރުން، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި، ކަމާ ބެހޭ ފަރާތްތަކާވެސް ޑަބްލިއުއެޗްއޯގެ ޓީމުން ވަނީ ވާހަކަ ދައްކާފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލު ދެނެގަތުމަށް ޗައިނާގައި ތަހުގީގު ހިންގާ ޑަބްލިއުއެޗްއޯގެ ޓީމުގެ ބައެއް މެމްބަރުން / ފޮޓޯ: ޓައިމް މެގަޒިން

ޑަބްލިއުއެޗްއޯގެ ޓީމުން ވަނީ، ކޮވިޑް-19ގެ ފުރަތަމަ ޕޭޝަންޓުންނަށް ފަރުވާ ދިން ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް، އެތަންތަނުގައިވެސް ތަހުގީގު ހިންގާފައެވެ.

ތަހުގީގު ޓީމުގެ ދަތުރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ދަތުރަކަށް ވީ ނަމަވެސް، މި ދަތުރުގައި ޒިޔާރަތް ކުރާ މަންޒިލްތަކާ، ވާހަކަދެކެވޭ ދެކެވުންތަކަކީ، ޗައިނާގެ ހޮސްޓުން ކަނޑައަޅާ އިމުން ބޭރުން ހިންގޭ ހަރަކާތްތަކެއް ނޫން ކަންވެސް ޑަބްލިއެޗްއޯގެ ޓީމުން ފާހަގަ ކުރެއެވެ.

އެގޮތުން، ޗައިނާގެ އާންމު އާބާދީގެ މެމްބަރުންނާ އެންމެ މިނިވަން ގޮތެއްގައި ވާހަކަދެކެވިފައި ނުވާކަން ފާހަގަ ކުރަންޖެހެއެވެ. އުޒުރެއް ކަމަށް ޗައިނާއިން ދައްކަނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރާ ސިއްހީ، ރައްކާތެރި ކަމުގެ ފިޔަވަޅުތަކެވެ. ނަމަވެސް، ޑަބްލިއުއެޗްއޯގެ ޓީމަށް ހޮޓަލުން ބޭރަށް ނިކުމެވުނީވެސް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ކަނޑައެޅި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކޮށް، އެ ފަރާތުން އިޒުނަ ދިނުމުން ކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ޗައިނާ ރޯގާ ނުވަތަ 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުންދިޔަ ބާޒާރެއް ހިމެނޭ ސަރަަހައްދުން/ފައިލް ފޮޓޯ: ގެޓީ އިމޭޖަޒް

ކަން މިހެން އޮތް ނަމަވެސް، ޑަބްލިއުއެޗްއޯގެ އޮފިޝަލު މާރިއާ ވެން ކެރްކޯވް ވިދާޅުވީ، ޗައިނާގެ ތަހުގީގު ޓީމުތަކާއެކު ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ވާ ކަމަށާ، ވޫހާންގެ އެކި ހޮސްޕިޓަލުތަކަށްވެސް ޑަބްލިއުއެޗްއޯގެ ޓީމުން ޒިޔާރަތް ކޮށްފައި ވާ ކަމަށެވެ. މީގެ އިތުރުން ޗައިނާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ މެމްބަރުންނާވެސް ޑަބްލިއުއެޗްއޯގެ ޓީމުން ބައްދަލު ކޮށްފައި ވާ ކަމަށް ވެން ކެރްކޯވް ވަނީ ފާހަގަ ކުރައްވާފައެވެ.

ޑަބްލިއުއެޗްއޯގެ އެމާޖެންސީ ޑައިރެކްޓާ ޑރ މައިކަލް ރާޔަން ވަނީ، ކޮވިޑް-19ގެ އަސްލަކީ ކޮބައިކަން ޓީމަށް ދެނެގަނެވިފައިވާ ކަމަށް ބުނެ އަޑު ފަތުރާ ފަރާތްތަކުން އެ "އަނދިރި ހިޔަނިގަނޑުން" ނިކުތުމަށް އިލްތިމާސް ކުރައްވާފައެވެ. ޑަބްލިއުއެޗްއޯގެ ޓީމުން އެކުލަވާލާ ރިޕޯޓް ބަލައި ނުގަންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، ވައިރަހުގެ އަސްލާ ބެހޭ އިތުރު މައުލޫމާތެއް އެނގޭ ފަރާތެއް ހުރި ކަމުގައި ވަނީނަމަ، ޑަބްލިއުއެޗްއޯއާ އެކަން ހިއްސާ ކުރުމަށްވެސް ޑރ ރާޔަން ވަނީ ގޮވާލައްވާފައެވެ.

ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ މަސައްކަތުގައި ސިޔާސީ ކުލަވަރު ޖެހިފައި ވާއިރު، އެކަން އެގޮތަށް ނުކުރުމަށް ޗައިނާއިންވެސް ދަނީ ޑިމާންޑް ކުރަމުންނެވެ.