ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ފަހަރަށް ރިޕޯޓް ކުރަން ފެށި ޗައިނާގެ ވޫހާން ސިޓީގެ ސީފުޑް މާކެޓް ސަރަހައްދުގައި "ކޮންމެވެސް ކަމެއް ހިނގި" ކަން ސާފު ވާ ކަމަށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ދުނިޔޭހެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަހުގީގު ޓީމުގެ އިސްވެރިޔާ އަދި ފުޑް ސޭފްޓީ ސްޕެޝަލިސްޓް ޕީޓާ ބެން އެމްބަރެކް ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯގެ ތަހްގީގު ޓީމަކުން ވޫހާންގައި މިހާރު އަމަލީ ގޮތުން މަސައްކަތް ކުރަމުން ދާއިރު، އެ ޓީމުން ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި، ހުނާން ސީފުޑް މާކެޓަށް ޒިޔާރަތް ކޮށް، ތަހުގީގުތައް ހިންގާފައެވެ.

ކޮވިޑް-19 ޖެހި އެންމެ ހާލު ސީރިއަސްވި ޕޭޝަންޓުންނަށް ފަރުވާ ދިން ވޫހާންގެ ހޮސްޕިޓަލެއްގެ ކުރިމަތީގައި ގާޑުން ފޯރިމަރަނީ / ފޮޓޯ: އޭޕީ

ކޮވިޑް-19ގެ ގްރައުންޑް ޒީރޯގެ ގޮތުގައި ސިފަކުރަމުން އަންނަ ސީފުޑް މާކެޓް މިހާރު ހުންނަނީ ބަންދު ކޮށްފައެވެ. ޑިސްއިންފެކްޓްވެސް ކޮށްފައެވެ. ނަމަވެސް، އޭރު ހުރި ގިނަ ތަންތަން ހުރީ ހަމަ އެގޮތުގައި ކަމުން، މުހިންމު މައުލޫމާތުތަކެއް ލިއްބައިދޭ ކަމަށް ޑަބްލިއުއެޗްއޯގެ ޓީމުން ބުނެއެވެ.

އެމްބަރެކް ވިދާޅުވީ ހުނާން މާކެޓް މިހާރު ގޮތަށް ބަލާލި ކަމުގައި ވީ ނަމަވެސް އޭރު ކަން އޮތް ގޮތުގެ މަންޒަރު ތަސްވީރު ކުރެއްވޭ ކަމަށެވެ. އެގޮތުން މާރުކޭޓުގެ މެއިންޓަނަންސް ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ސާފުތާހިރުކަން ބަލަހައްޓާ ގޮތާއި، މުދާ އުފުލުމުގެ ކަންކަން ހަމަޖެހިފައި އޮތް ގޮތާއި، މީހުން ވަދެނިކުމެވާ ގޮތުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާ ކަމަށް އެމްބަރެކް ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯގެ ޓީމުން ވަނީ އެސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި މަސައްކަތްތެރިންގެ އިންޓަވިއުތައްވެސް ނަގާފައެވެ. ނަމަވެސް، އަދި ވަކި ގޮތަކަށް ނިންމާ މާ އަވަސް ކަމަށްވެސް ޑަބްލިއުއެޗްއޯގެ ޓީމުން ފާހަގަ ކުރެއެވެ.

ޑަބްލިއުއެޗްއޯގެ ކޮވިޑް ވައިރަސް ތަހުގީގު ޓީމުން ވޫހާންގެ ކަރަންޓީނު ހޮޓާ ދޫކޮށް ދިއުމަށް ބަހަކަށް އަރާ / ފޮޓޯ: ހެކްޓާ ރެޓަމަލް

އެމްބަރެކް ވިދާޅުވީ، މާރުކޭޓުގައި ކޮންމެވެސް ކަމެއް ވި ކަން ސާފުވާ ކަމަށެވެ. ނަމަވެސް އެކަމުގައި އެހެން ތަނެއްގެ ދައުރެއްވެސް އޮވެދާނެ ކަމަށާ، ސީދާ މި ތަން ކަނޑައެޅިގެން ބެލީ، ބައެއް ޑޮކްޓަރުންގެ ތަހުގީގުތަކުން، މި ތަނާއި ކޭސްތަކަކާ ގުޅުމުން ކަމަށެވެ.

ޓީމުގައި ހިމެނިވަޑައިގަންނަވާ ޕްރޮފެސާ ތިއާ ފިޝާ ވިދާޅުވީ، ބާޒާރުގެ މަންޒަރުތައް ބަލާލުމުން ލިބުނު މައުލޫމާތުގެ ބޭނުން ތެރިކަމާމެދު ހައިރާންވާ ކަމަށެވެ. ޓީމުގައި ހިމެނިވަޑައިގަންނަވާ ވެށީގެ ތަޖުރިބާކާރުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވިކަންވެސް ޕްރޮފެސާ ފިޝާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލު ދެނެގަތުމަށް ޗައިނާގައި ތަހުގީގު ހިންގާ ޑަބްލިއުއެޗްއޯގެ ޓީމުގެ ބައެއް މެންބަރެއް / ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ޑަބްލިއުއެޗްއޯއިން ޗައިނާގައި ހިންގާ ތަހުގީގު ތެރެއިން، ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށްވެސް ޒިޔާރަތް ކުރާނެއެވެ. މި ލެބަކީ ކޮވިޑް-19ގެ ވައިރަސް ލީކުވި ލެބު ކަމަށްވެސް ބައެއް ފަރާތްތަކުން ވަކާލާތު ކުރެއެވެ. ނަމަވެސް، މިކަން އަދި ސާބިތު ކުރެވިފައެއް ނުވެއެވެ. މީގެ އިތުރުން، ކޮވިޑް-19އާ ގުޅޭ ވާހަކަތައް އެންމެ ފުރަތަމަ އާންމު ކުރި "ބެޓް ލޭޑީ" ނުވަތަ ވައިރޮލޮޖިސްޓް ޝީ ޝެންގްލީއާއިވެސް ޑަބްލިއުއެޗްއޯގެ ޓީމު ބައްދަލު ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

އެތައް ދުވަހެއްގެ މަސައްކަތުން ޑަބްލިއުއެޗްއޯގެ ޓީމަށް ޗައިނާއަށް އަރާ، ތަހުގީގު ހިންގަން ފެށުނު އިރު، ޗައިނާއިން ވަނީ މި ތަހުގީގުތައް ސިޔާސީ ނުކުރުމަށް އަންގާފައެވެ.