މުއްދަތު ހަމަވެފައިވާ އައިޑީކާޑުު ބޭނުންކޮށްގެން ވެސް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.

ޑީއެންއާރް އިން އެހެން ނިންމާފައި ވަނީ ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނި ޑީއެންއާރުގެ ހިދުމަތް މެދުކަނޑާލަން ޖެހުމާ ގުޅިގެން އައިޑީކާޑު ހެއްދުމަށް ބުރޫ އެރުމާ ގުޅިގެންނެވެ.

އެގޮތުން ޖޫން މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑުތަކުގެ ބޭނުން ކުރެވޭނެ ކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، އައިޑީކާޑު ހެއްދުމުގެ ހިދުމަތް ވަނީ މީގެ ކުރިން މެދު ކަނޑާލާފައެވެ. އަދި އޭގެ ފަހުން ވަނީ އޮންލައިންކޮށް މި ހިދުމަތް ދޭން ފަށާފައެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.

އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ.