ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް އަވަށްޓެރި ސްރީލަންކާއިން ވެކްސިން ކެމްޕޭން ފަށައިފިއެވެ.

ސްރީލަންކާގެ ކޮވިޑް ވެކްސިން ކެމްޕޭންގައި ބޭނުން ކުރަނީ، އިންޑިއާއިން ހަދިޔާ ކޮށްފައި ވާ ކޮވިޝީލްޑް ވެކްސިންއެވެ. ކޮވިޝީލްޑް ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިންގެ ފޯމިއުލާއަށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއި) އިން ސިނާއީ ފެންވަރުގައި އުފައްދާ ވެކްސިނެކެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހަބަރު ދޭ ގޮތުގައި ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލް، ކޮލަމްބޯ ސައުތު ޓީޗިންގް ހޮސްޕިޓަލް، ކޮލަމްބޯ ނޯޓު ޓީޗިންގް ހޮސްޕިޓަލް، ހޮމަގަމަ ބޭސް ހޮސްޕިޓަލް، ކޮލަމްބޯ އީސްޓް ބޭސް ހޮސްޕިޓަލް އަދި އަންގޮޑާގައި ހިންގާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީޒަސް (އައިޑީއެޗް)ގައި ވެކްސިން ކެމްޕޭން ކުރިއަށް ގެންދާނެއެވެ.

އިންޑިއާއިން ސްރީލަންކާއަށް ހަދިޔާކުރި ކޮވިޑް ވެކްސިން ޝިޕްމަންޓް، ލަންކާގެ ވައިގެ ބަނދަރަށް ބާލަނީ / ފޮޓޯ: ނިއުސްވަޔާ ލަންކާ

ރަސްމީ ގޮތެއްގައި ކެމްޕޭން ފަށާފައި ވަނީ އައިޑީއެޗްގައެވެ. މި ރަސްމިއްޔާތުގައި ޕެންޑަމިކްސް އެންޑް ކޮވިޑް ޕްރިވެންޝަން ޑރ ސޫރުދާޝިނީ ފެނާންޑޯޕުއްލޭ އާއި ލަންކާގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ގޯޕާލް ބާގްލޭ ބައިވެރިވެވަޑައިގަތެވެ. މި ކެމްޕޭންގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ޑޯޒް ދީފައިވަނީ ހޮސްޕިޓަލް ސްޕެޝަލިސްޓެއް ކަމަށްވާ ޑރ އާނަންދަ ވިޖޭވިކްރެމާއަށެވެ.

ސްރީލަންކާގެ ވެކްސިން ކެމްޕޭންގައި ބޭނުން ކުރަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން / ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

ސިއްހީ ދާއިރާގައި ހިދުމަތް ކުރާ 800 މީހަކަށް މިއަދު ވެކްސިން ދިނުމަށް ލަންކާއިން ވަނީ އަމާޒު ހިފާފައެވެ. ސްރީލަންކާއިން މިއަދު ވަނީ އަސްކަރިއްޔާގެ މެމްބަރުންނަށްވެސް ވެކްސިން ދޭން ފަށާފައެވެ.

ސްރީލަންކާއިން މިހާތަނަށް 61586 މީހަކަށް ކޮވިޑް ޖެހިފައި ވާއިރު، ސިހުރު ޕްރޮމޯޓް ކުރަމުން ގެންދިޔަ އެގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ހާލު ދެރަވެ، މިއަދުގެ ވަގުތެއްގައި އޭނާ އިންޓެންސިވް ކެއާ ޔުނިޓަށް ބަދަލު ކުރި ކަމުގެ ހަބަރުވެސް ވަނީ ލިބިފައެވެ. ސިއްހަތާ ބެހޭ ވަޒީރު ޕަވިތުރާ ވަންނިއަރައްޗީގެ ހަޔާތުގެ ބައިވެރިޔާ، ކަންޗަނާ ޖާޔަރަތުނަވެސް މިހާރު ޕޮޒިޓިވް ވެފައި ވާކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.