ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ އަސްލަކީ ކޮބާތޯ ބެލުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޗައިނާގައި މިހާރު ހިންގަމުން އަންނަ ތަހުގީގު ސިޔާސީ ނުކުރުމަށް، ޗައިނާއިން ގޮވާލައިފިއެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި، ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާރުކޭޓެއް ހިންގި ސަރަހައްދަކުން ކަމަށް ވާއިރު، ޑަބްލިއުއެޗްއޯގެ ޓީމުވެސް މިހާރު އޮތީ ވޫހާންގައެވެ.

ޑަބްލިއުއެޗްއޯގެ ތަހުގީގު ސިޔާސީ ނުކުރުމަށް ޗައިނާއިން ގޮވާލާފައި މިވަނީ، ވޫހާންގައި ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުން، 2 ހަފުތާގެ ކަރަންޓީނު ފުރިހަމަ ކޮށް، އަމަލީ މަސައްކަތަށް ރަށު ތެރެއަށް ނިކުތް ވަގުތާ ދިމާ ކޮށެވެ.

ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލު ދެނެގަތުމަށް ޗައިނާގައި ތަހުގީގު ހިންގާ ޑަބްލިއުއެޗްއޯގެ ޓީމުގެ ބައެއް މެންބަރެއް / ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު، ޝާއޯ ލީޖިއާން ވިދާޅުވީ، ވައިރަހެއްގެ އަސްލު ދެނެގަތުމަށް ޓްރޭސް ކުރުމަކީ، ސައެންޓިފިކް، ބުރަ ބޮޑު މަސައްކަތެއް ކަމަށާ، މި ކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސައެންސްގެ ދިރާސާތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ ސައެންސްވެރިން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ސާސްކޮވް-2އާ ގުޅިގެން ހިންގާ ތަހުގީގުތައް ސިޔާސީ ކުރުމަކީ، ޑަބްލިއުއެޗްއޯއާއި ޗައިނާއާ ދެމެދު، ސައެންސްގެ ރޮނގުން އޮތް ގުޅުމަށް ބޭކާރު ގޮތެއްގައި ބުރޫ އެރުވުން ކަމަށްވެސް ޝާއޯ ވަނީ ސިފަކުރައްވާފައެވެ.

ޝާއޯ ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ތަހުގީގުގެ މަގުސަދަކީ، ވައިރަހާ ބެހޭ އިތުރު މައުލޫމާތު ހޯދުން ކަމަށެވެ. ޖަނަވާރުންގެ ތެރެއިން މި ވައިރަސް ދަމަހައްޓާ މަހުލޫގުތަކެއް ދެނެގަތުން ކަމަށެވެ. އަދި އިންސާނުންނާ ހިސާބަށް ވައިރަސް ވާރުތަ ވާ ގޮތް ދެނެގަތުން ކަމަށެވެ. އެހެނީ، މިކަންކަމީ ކުރިއަށް އޮތް ތަނުގައި މިފަދަ ބަލިމަޑުކަމެއް ތަކުރާރު ވިޔަ ނުދިނުމަށް މުހިންމު ކަންތައްތަކެއް ކަމަށްވެސް ޝާއޯ ވަނީ ފާހަގަ ކުރައްވާފައެވެ.

ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމު، ކަރަންޓީނުން ދޫކޮށްލާފައި ވާއިރު، އެ ތަހުގީގުތައް ކުރިއަށް ގެންދާނެ ގޮތުގެ މާ ބޮޑު ތަފްސީލެއް ޝާއޯ ހިއްސާ ކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެ ޓީމުން ހަރަކާތްތެރިވާނީ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޗައިނާއިން ތަންފީޒު ކުރަމުން އަންނަ ފިޔަވަޅުތަކާ އެއް ގޮތަށް ކަމަށްވެސް އޭނާ ވަނީ އިޝާރާތް ކުރައްވާފައެވެ.

13 މެމްބަރުންގެ މައްޗަށް އެކުލެވޭ ޑަބްލިއުއެޗްއޯގެ ޓީމުން، މާސްކު އަޅައިގެން ތިބެ ބަހަކަށް އެރި މަންޒަރު ވަނީ އާންމު ވެފައެވެ. މި މަންޒަރަކީ ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ދަ ޖޭޑް ހޮޓެލް ދޫކޮށް ދިއުމަށް ބަހަށް އެރާ ތިބި މަންޒަރެވެ. އެމީހުންގެ ދަބަސްތައް އުފުލުމުގައި ހަރަކާތްތެރިވި މީހުން އުޅުނީ ހެޒްމެޓް ސޫޓުގައެވެ.