ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ހާއްސަކޮށްގެން ހިންގާ ވެކްސިން ކެމްޕޭން، އަވަށްޓެރި ސްރީލަންކާގައި މާދަމާ ފެށުމަށް ނިންމައިފިއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި ތަރައްގީ ކުރި ކޮވިޝީލްޑް ވެކްސިންގެ 5 ލައްކަގެ ޝިޕްމަންޓެއް މިއަދު ވަނީ ލަންކާއަށް ގެންގޮސްފައެވެ. ހާއްސަ ފްލައިޓެއްގައި ސްރީލަންކާއަށް މިއަދު ގެންދިޔަ މި ޝިޕްމަންޓަކީ، "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ތެރެއިން، އިންޑިއާ ސަރުކާރުން ސްރީލަންކާއަށް ހަދިޔާކުރި ވެކްސިން ޝިޕްމަންޓެކެވެ.

އިންޑިއާއިން ސްރީލަންކާއަށް ހަދިޔާކުރި ކޮވިޑް ވެކްސިން ޝިޕްމަންޓް، ލަންކާގެ ވައިގެ ބަނދަރަށް ބާލަނީ / ފޮޓޯ: ނިއުސްވަޔާ ލަންކާ

ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މާދަމާ ވެކްސިން ދޭން ފަށާނީ 6 ހޮސްޕިޓަލެއްގައެވެ. ސްރީލަންކާގެ ކޮވިޑް ވެކްސިން ކެމްޕޭން ފެށުމުގެ ގޮތުން، ފުރަތަމަ ބުރުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.

ސިއްހަތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް، ޑރ ހިމާންތާ ހީރާތު ވިދާޅުވީ، ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލް، ކޮލަމްބޯ ސައުތު ޓީޗިންގް ހޮސްޕިޓަލް، ކޮލަމްބޯ ނޯޓު ޓީޗިންގް ހޮސްޕިޓަލް، ހޮމަގަމަ ބޭސް ހޮސްޕިޓަލް، ކޮލަމްބޯ އީސްޓް ބޭސް ހޮސްޕިޓަލް އަދި އަންގޮޑާގައި ހިންގާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީޒަސް (އައިޑީއެޗް)ގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވޭ ބަޔަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވާ ކަމަށެވެ.

ވެކްސިން ޕްރޮގްރާމް ފެށުމުގެ ގޮތުން، މި ހޮސްޕިޓަލުތަކުން 25 ޕަސެންޓް މުވައްޒަފުންނަށް ވެކްސިން ޖަހާނެ ކަމަށް ޑރ ހީރާތު ވިދާޅުވިއެވެ. ބާކީ ތިބި މުވައްޒަފުންނަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ދޭނެ ކަމަށް ޑރ ހީރާތު ވަނީ ފާހަގަ ކުރައްވާފައެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު، އެގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 60694 އަށް އަރާފައެވެ. އަދި މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 290 އަށް އަރާފައެވެ.