2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޝިކާރައަކަށްވެ، މި ދުނިޔެއާއި ވަކިވެދިޔަ މީހުންގެ އާއިލާތަކުން، މި ވައިރަހުގެ އަސްލު ދެނެގަތުމުގެ ތަހުގީގު ހިންގަމުންދާ ދުނިޔޭގެ ސިއްހަތު ޖައްމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޓީމާ ބައްދަލު ކުރުމަށް އެދެމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.
ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލަކީ ކޮބައިކަން ދެނެގަތުމަށް ޗައިނާގެ ވޫހާން ސިޓީގައި ތަހުގީގު ހިންގަމުންދާ ޑަބްލިއުއެޗްއޯގެ ޓީމާއި ބައްދަލު ކުރުމަށް އާއިލާތަކުން ޑިމާންޑް ކުރި ނަމަވެސް، ޗައިނާގެ ސަރުކާރުން ދަނީ އެ މީހުންގެ އަޑު ކަނޑުވާލުމަށް ކަމަށްވެސް ހަބަރު ލިބެއެވެ.
ޝާންގް ހާއީ އަކީ ކޮވިޑް-19ގެ ބަލިމަޑުކަން ޗައިނާގައި އެންމެ ޕީކަށް ދިޔަ ދުވަސްވަރު، އެ ބަލީގައި މަރުވެދިޔަ މީހެއްގެ ދަރިއެކެވެ. ޝާންގް ދަނީ ޑަބްލިއުއެޗްއޯގެ ޓީމާ ބައްދަލު ކުރުމަށް ޑިމާންޑް ކުރަމުންނެވެ. ނަމަވެސް ޗައިނާގެ ސަރުކާރުން ދަނީ، ޝާންގް ފަދަ ރައްޔިތުން ހިމޭނުން ބޭތިއްބުމަށް ޕްރެޝަރު ކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ.
ޝާންގް ބުނީ ވޫހާންގެ ކަމާ ބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވީޗެޓް ގުރޫޕެއް ހަދައިގެން 100 ވަރަކަށް އާންމު ރައްޔިތުން މަސައްކަތް ކުރަމުން ދަނިކޮށް، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން އެ ގުރޫޕު ޑިލީޓް ކޮށްފައި ވާ ކަމަށެވެ. ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ހާސްވެ، ނުތަނަވަސް ވެފައި ވާ ކަމަށާ، ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުންނާއި އާއިލާތަކުން ވާހަކަދައްކާފާނެ ކަމާ މެދު ޗައިނާ ސަރުކާރުން ޖެހިލުންވެ، ބިރު ގަންނަ ކަމަށްވެސް ޝާންގް ތުހުމަތު ކުރެއެވެ.
ކޮވިޑް-19 އާ ގުޅިގެން ވޫހާންގެ ކަމާ ބެހޭ ފަރާތްތަކާ ދެކޮޅަށް ކޯޓަށްވެސް މައްސަލަ ވައްދަން މަސައްކަތް ކުރިއެވެ. ނަމަވެސް، ކޯޓުތަކުން ވަނީ އެ މައްސަލަތައް ބަލައިގަތުމަށް އިންކާރުކޮށް، މައްސަލަ ބޭރު ކޮށްފައެވެ. ޗައިނާގެ އޮފިޝަލުން ވަނީ ޝާންގް ފަދަ އެތައް ރައްޔިތުންނެއް ހާޒިރުކޮށް، ސުވާލުކޮށްފައެވެ. ބައެއް ފަރާތްތަކަށް ބިރު ދެއްކި ކަމަށްވެސް ހަބަރު ލިބެއެވެ.
ޝާންގް ދަނީ ޑަބްލިއުއެޗްއޯގެ ޓީމާ ބައްދަލުކޮށް، އާއިލާތަކުގެ ވާހަކަތައް ކިޔައިދިނުމުގެ ފުރުސަތަކަށް އެދެމުންނެވެ. ވައިރަހުގެ އަސްލު ދެނެގަތުމަށް ހިންގާ ތަހުގީގަކަކީ، އެ ވައިރަހުގެ ޝިކާރައަކަށް ވި މީހުންގެ ވާހަކަތަކާ ނުލާ ފުރިހަމަ ވާނެ ތަހުގީގެއް ނޫން ކަމަށްވެސް ޝާންގް ދަނީ ބުނަމުންނެވެ.
ޑަބްލިއުއެޗްއޯގެ ޓީމުން އާއިލާތަކާ ބައްދަލު ނުކޮށްފިނަމަ އެ ކަމުން ދޭހަ ކޮށްދެނީ، ޑަބްލިއުއެޗްއޯގެ ތަހުގީގަކީވެސް ދުނިޔެއަށް ދައްކާލާ ދަޅައެއް ކަން ކަމަށް ޝާންގް ބުނެއެވެ.