މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހުގެ އަސްލަކީ ކޮބައިތޯ ބެލުމަށް ޗައިނާގެ ވޫހާން ސިޓީއަށް ދަތުރު ކުރި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކަރަންޓީނު މުއްދަތު، ކުރިއަށް އޮތް އޮތް 24 ގަޑިއެއްހާއިރު ތެރޭ ހަމަވާއިރު، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި، 14 ދުވަހުގެ ކަރަންޓީނު މުހުލަތު ހަމަވުމާއެކު، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ ވޫހާން ސިޓީ ތެރެއަށް، 13 މެމްބަރުންގެ ތަހުގީގު ޓީމުން ނިކުންނާނެއެވެ. އަހަރެއްހާ ދުވަހަށް ފަހު، ވޫހާން ސިޓީ މިހާރު ވަނީ މުޅިންހެން އާންމު ހާލަތަކަށް ބަދަލު ވެފައެވެ.

ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމުގައި ހިމެނިވަޑައިގަންނަވާ ނެދަލަންޑްސްގެ ވައިރޮލޮޖިސްޓް މެރިއަން ކޫޕްމަންސް ވިދާޅުވީ، މުޅި ދުނިޔޭގެ ސަމާލުކަން އެ ޓީމަށް ހުއްޓިފައި ވާ ކަމަށެވެ. ޓީމަކީ ސިޔާސީ ޓީމެއް ނޫން ކަމަށާ، އެ ޓީމަކީ ސައެސްވެރިންގެ ޓީމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އަމާޒަކީ "ސިޔާސީ ނުވެ" ސައެންސްގެ ނަޒަރުން މައްސަލަ ބަލާ، ނިންމުން ކަމަށްވެސް ކޫޕްމަންސް ވިދާޅުވިއެވެ.

މިކަން ހާސިލު ކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ވައިރަހުގެ އަސްލާ ބެހޭ ގޮތުން މިހާތަނަށް ކުރަމުން އައި ޝައްކުތައް ފިލުވާލުމަށްފަހު، ލިބެން ހުރި ހެކިތަކަށް ބަލައިގެން ކުރިއަށް ދިއުން ކަމަށް ކޫޕްމަންސް ވިދާޅުވިއެވެ.

ކަރަންޓީނުގައި ހޭދަ ކުރި 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައިވެސް މި ޓީމުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ވީޑިއޯ ކޯލު މެދުވެރިކޮށް ޗައިނާގެ ސައެންސްވެރިންނާވެސް މި ޓީމުން ވަނީ މަޝްވަރާ ކޮށްފައެވެ.

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް އޮތް ޑިމާންޑަކީ އިންތިހާއަށް ބޮޑު ޑިމާންޑެއް ކަން ފާހަގަ ކުރައްވަމުން ކޫޕްމަންސް ވިދާޅުވީ، ޑިމާންޑަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދޭން ޖެހޭ ކަމަށެވެ. އެހެނީ، ފާއިތުވި މާޒީގައި ކުރިމަތިވި އެކިއެކި ބަލިމަޑުކަމުގެ އަސްލު ދެނެގަތުމަށްވެސް އަހަރުތަކެއް ހޭދަވުން ކަމަށް ކޫޕްމަންސް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމަށް ޗައިނާއަށް އެރުނީ އެތައް މަހެއްގެ މަސައްކަތުންނެވެ. ޗައިނާއިން ބުނަމުން ދަނީ އެ ވައިރަހުގެ އަސްލަކީ އެ ގައުމު ކަމުގައި ނުވެ ހިނގައިދާނެ ކަމަށެވެ.