ގއ ވޮޑަމުލާ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދެމެއްހެއްޓުމާ ގުޅިގެން އެކަން ބަލައިނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.

ސީދާ ހަރަކާތަށް ނުކުންނަން އިދިކޮޅުގެ ފަރާތުން ގަރާރު ހުށަހަޅުއްވާފައިވަނީ ޕީޕީއެމް އޮފީހުގައި ކުރިއަށްގެންދިޔަ ކުއްލި ކައުންސިލް ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

އަދުރޭ ހުށަހެޅި އެ ގާރާރުގައި ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑަރިން ކުށް ސާބިތުވެއްޖެ ކަމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަކީ ސިޔާސީ ބޭނުމަށް، އިސްލާމީ ޝަރީއާތާއި ގާނޫނުތަކާ ހިލާފަށް އިއްވި ހުކުމެއް ކަމަށް ވަނީ ބުނެފައެވެ. އަދި އެ ހުކުމަކީ އެ ކޯލިޝަނުން ބަލައިގަންނަ ހުކުމެއް ނޫން ކަމަށް ވެސް އެގަރާރުގައި ވަނީ ބުނެފައެވެ.

އެ ގަރާރުގައި އިތުރަށް ބުނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސިދާ ހަރަކާތަށް ނިކުތުމަށް ނިންމާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި މައްސަލާގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ނޮވެމްބަރު 28، 2019 ވަނަ ދުވަހެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ނޮވެމްބަރު 30، 2019 ވަނަ ދުވަހެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ހުކުމް ކޮށްފައި ވަނީ ދަށު ކޯޓުން ނިންމި ނިންމުން ދެމެހެއްޓުމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ތިއްބެވި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން، އިސް ފަނޑިޔާރު މުހައްމަދު މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އެއްގޮތް އިރު، ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށެވެ.