ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް އިންޑިއާ އިން ފަށާފައިވާ ވެކްސިން ކެމްޕޭނާ ގުޅިގެން ބައެއް މީހުންނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ބުނެ ކަންބޮޑުވުން ތަކެއް ފެންމަތިވެފައި ވާއިރު، މި ކެމްޕޭންގައި ބޭނުން ކުރާ 2 ވެކްސިނަކީ ރައްކާތެރި 2 ވެކްސިން ކަމުގެ ޔަގީންކަން، އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ދީފިއެވެ.

ކޮވިޑް-19އާ ދެކޮޅަށް މުޅި ދުނިޔޭގައިވެސް ހިންގާ އެންމެ ބޮޑު ކެމްޕޭންގެ ގޮތުގައި އިންޑިއާއިން ސިފަ ކުރަމުން އަންނަ ހަރަކާތް ހޮނިހިރު ދުވަހު ފެށި ކެމްޕޭނުގައި އިންޑިއާއިން ބޭނުން ކުރަނި ކޮވެކްސިންއާއި ކޮވިޝީލްޑް ވެކްސިނެވެ.

އެއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދާ ކޮވިޝީލްޑް ވެކްސިނާއި، ސައްތަ އިންސައްތަ އިންޑިއާގެ ވެކްސިނެއް ކަމަށްވާ ކޮވެކްސިންއެވެ. ކޮވެކްސިންއަކީ އިންޑިއާގެ މެޑިކަލް ރިސާޗް ކައުންސިލާއި ބާރަތު ބައޮޓެކް ކުންފުނީގެ އުފެއްދުމެކެވެ.

އިންޑިއާގެ ވެކްސިން މަޝްރޫއުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 4 ވަނަ ދުވަހުގެ ހަރަކާތްތައް އަންގާރަ ދުވަހު ނިންމާލި އިރު، 454،049 މީހަކަށް ވެކްސިން ޑޯޒް ވަނީ ދީފައެވެ.

ދޮށީ އުމުރުގެ މީހަކަށް ކޮވިޑް ވެކްސިން ދެނީ / ފޮޓޯ: ބްލޫމްބާގް ކުއިންޓްސް

ވެކްސިން ޖެހި މީހުންގެ ތެރެއިން އެކި ކަހަލަ ސައިޑް-އިފެކްޓްތައް ފެނުނީ 0.18 ޕަސެންޓް މީހުންގެ ކިބައިން ކަމަށާ، ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނީ 0.002 ޕަސެންޓް މީހުން ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. ވެކްސިނާ ގުޅިގެން ކަންބޮޑުވާން ޖެހޭ ކަމެއް މިވަގުތު އަދި ނެތް ކަމަށް ވެސް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ވެކްސިން ކެމްޕޭން ތެރެއިން ވެކްސިން ޖެހި 2 މީހަކު މަރުވި ކަމަށް ރިޕޯޓް ކޮށްފައި ވީ ނަމަވެސް، އެ މީހުންގެ މަރާއި، ވެކްސިނާ ގުޅުމެއް ނެތް ކަމަށްވެސް އިންޑިއާގެ ސިއްހަޔާ ބެހޭ ވުޒާރާއިން އަންގާރަ ދުވަހު އާންމު ކުރި ބަޔާނެއްގައި ވަނީ ފާހަގަ ކޮށްފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޝިޕްމަންޓެއް އިންޑިއާއިން އުޅަނދަކަށް ބަރު ކުރަނީ / ފޮޓޯ: އިންޑިއާ އެކްސްޕްރެސް

އިންޑިއާގެ ވެކްސިން ކެމްޕޭން ފަށާފައި ވާއިރު، މިއަދަކީ ކޮވިޑް-19ގެ ވެކްސިން ރޭހުގައި އިންޑިއާއަށް ހާއްސަ ދުވަހެކެވެ. މިއަދަކީ އިންޑިއާގެ އަވަށްޓެރި ގައުމުތަކަށް އެ ގައުމުން ވެކްސިން ޝިޕްމަންޓް ފޯރުކޮށްދޭން ފަށާ ދުވަހެވެ. މި އުސޫލުން ފޮނުވާ އެންމެ ފުރަތަމަ ޝިޕްމަންޓް ލިބޭ ގައުމަކީ ދިވެހި ރާއްޖެ ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. މި ޝިޕްމަންޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޯރާނީ މިއަދު މެންދުރު 14:00 ހާއިރު ކަމަށް އިންޑިއާގެ ހަބަރުތައް ބުނެއެވެ.