ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާއިން ގައުމީ ފެންވަރުގައި ވެކްސިން މަޝްރޫއު ފެށިފަހުން، ވެކްސިން ޖަހައިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނީ 3 މީހަކަށް ކަމަށް އެގައުމުން ހާމަކޮށްފިއެވެ.
ކޮވިޑް-19އާ ދެކޮޅަށް މުޅި ދުނިޔޭގައިވެސް ހިންގާ އެންމެ ބޮޑު ކެމްޕޭންގެ ގޮތުގައި އިންޑިއާއިން ސިފަ ކުރަމުން އަންނަ ހަރަކާތް ހޮނިހިރު ދުވަހު ފެށި ފަހުން، 2 ލައްކައަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ވެކްސިން ޑޯޒް ނެގި މީހުންގެ ތެރެއިން، އެކި ކަހަލަ ސައިޑް-އިފެކްޓްތައް ފެނިގެން 447 ކޭހެއް ރިޕޯޓް ކޮށްފައި ވާއިރު، ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އެންމެ 3 ކޭސް ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހަބަރު ދެއެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ މަނޮންހަރު އަގުނާނީ ވިދާޅުވީ، އެޑްމިޓް ކުރަން ޖެހުނު 3 މީހުންގެ ތެރެއިން 2 މީހަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައި ވާ ކަމަށެވެ. 3 ވަނަ މީހާ އޮބްޒަވޭޝަންގައި އޮތްއިރު، އޭނާގެ ހާލުވެސް ރަނގަޅު ކަމަށް ޑރ އަގުނާނީ ވިދާޅުވިއެވެ.
ޑރ އަގުނާނީ ވިދާޅުވި ގޮތުގައި ޖެނުއަރީ 16 އަދި 17 ވަނަ ދުވަހުގެ ދަންފަޅި ނިންމާލިއިރު، 224301 މީހަކަށް ކޮވިޑް-19ގެ ވެކްސިން ވަނީ ދީފައެވެ.
ދުނިޔޭގެ ނިސްބަތުން ދެވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސް ނަމްބަރު ރެކޯޑް ކޮށްފައިވާ އިންޑިއާގައި ހިންގާ ކޮވިޑް ވެކްސިން ކެމްޕޭންގައި ބޭނުން ކުރަނީ 2 ވެކްސިނެކެވެ. އެއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާ ޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދާ ކޮވިޝީލްޑް ވެކްސިނާއި، ސައްތަ އިންސައްތަ އިންޑިއާގެ ވެކްސިނެއް ކަމަށްވާ ކޮވެކްސިންއެވެ. ކޮވެކްސިންއަކީ އިންޑިއާގެ މެޑިކަލް ރިސާޗް ކައުންސިލާއި ބާރަތު ބައޮޓެކް ކުންފުނީގެ އުފެއްދުމެކެވެ.
އިންޑިއާގެ ކޮވިޑް ވެކްސިން ކެމްޕޭނަކީ ދުނިޔޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ވެކްސިން ކެމްޕޭނެވެ. 1.35 ބިލިއަން މީހުންގެ އަބާދީއެއް އޮތް އިންޑިއާއިން އަމާޒު ހިފާފައި ވަނީ، މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް، 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. މީގެ ތެރޭގައި ހިމެނެނީ ފްރަންޓްލައިން ވޯކަރުންނާއި، ދޮށީ އުމުރުގެ މީހުންނާއި، ނާޒުކު ހާލަތުގައި ތިބި މީހުންނެވެ.