މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން ދިފާއުވުމަށް އަވަށްޓެރި އިންޑިއާއިން ފެށި ވެކްސިން ކެމްޕޭނަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް-19 އިން ގައުމުގެ އާބާދީ ދިފާއު ކުރެއްވުމަށް އިންޑިއާގެ ސަރުކާރުން ފެށީ ތާރީހީ ވެކްސިން މަޝްރޫއަށް ޓަކައި، ބޮޑުވަޒިރު ނަރޭންދްރާ މޯދީއާއި މޯދީގެ ސަރުކާރަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

އިންޑިއާއިން ފެށި ވެކްސިން މަޝްރޫއަކީ ކާމިޔާބު މަޝްރޫއަކަށް ވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެމަނިކުފާނަށް އެބަ އޮތް ކަމަށާ، ކޮވިޑް-19ގެ މި ދަތި އުނދަގުލުން އަރައިގަނެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް ރައީސް ސޯލިހުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

ގައުމީ ފެންވަރުގައި އިންޑިއާގައި ކޮވިޑް ވެކްސިން ކެމްޕޭން ފެށީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ޑޯޒް ދީފައި ވަނީ، ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރަމުން އަންނަ، 34 އަހަރުގެ ޒުވާނަކަށެވެ. އަދި ފުރަތަމަ ދުވަހުގެ މަސައްކަތް ނިންމާލިއިރު، 1 ލައްކައަށް ވުރެ ގިނަ މީހުން ވެކްސިން ދީފައި ވާ ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

އާންމު އުސޫލުން ވެކްސިން ދިނުމުގައި އިންޑިއާގެ ރެގިއުލޭޓަރުން ރުހުން ދީފައި ވަނީ 2 ވެކްސިނަކަށެވެ. އެއް ވެކްސިނަކީ އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ކޮވެކްސިންއެވެ. އަނެއް ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓިއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކޮށްފައިވާ އަސްޓްރާޒެނީކާ ކުންފުނީގެ ޓެކްނީޝަނެއް މަސައްކަތުގައި / ފޮޓޯ: ދަ ގާޑިއަން

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ޗީފް އެގްޒެކެޓިވް އަދާރު ޕޫނަވައްލާވެސް ވަނީ ހޮނިހިރު ދުވަހު، ކޮވިޑް ވެކްސިން ޑޯޒް ނަގާފައެވެ. ޕޫނާގައި ވެކްސިން ނެގި މަންޒަރު އޭނާ ވަނީ އާންމުވެސް ކޮށްފައެވެ. ވެކްސިން ކެމްޕޭނާއެކު މޯދީއަށް މަރުހަބާ ވިދާޅުވަމުން ޕޫނަވައްލާ ވަނީ، ކޮވިޝީލްޑަކީ މިމަޝްރޫއުގެ ބައިވެރިއަކަށް ވީތީ އެކަމާ ފަހްރުވެރިވާކަން ހާމަ ކުރައްވާފައެވެ. އަދި އޭނާ ވެކްސިން ޖެހީ، ވެކްސިންގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށްވެސް ޕޫނަވައްލާ ވަނީ ވިދާޅުވެފައެވެ.

ޕޫނަވައްލާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަކީ، ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަމުން އަންނަ ކުންފުންޏެވެ. މި ކުންފުނިން ވަނީ ޕޫނާގެ މަރުކަޒަށް، 11 މިލިއަން ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ހަދިޔާ ކޮށްފައެވެ.

އިންޑިއާއިންވަނީ އެ ގައުމުގެ އަވަށްޓެރިންނަށް ކޮވިޑް ވެކްސިން ޝިޕްމަންޓް ކަށަވަރުކޮށްދޭނެ ކަމަށް ބުނެފައެވެ. 2020 ވަނަ އަހަރުގެ ފަހުކޮޅު، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝިރިންގްލާ، ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތުގައިވެސް މިފަދަ އިޝާރާތެއް ވަނީ ކުރައްވާފައެވެ.