ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން، އާންމު އުސޫލުން ދިނުމަށް އިންޑިއާގައި ފަށާފައި ވާ ބޮޑު ކެމްޕޭންގެ ފުރަތަމަ ދުވަސް ނިންމާލިއިރު، ލައްކައަކަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.
އާންމު އުސޫލުން ވެކްސިން ދިނުމުގެ ކެމްޕޭން، އިންޑިއާގައި ހޮނިހިރު ދުވަހު ފަށާފައި ވާ އިރު، އިއްޔެ ހަވީރު (އިންޑިއާ ގަޑިން) 05:30 ހިނގުމާ ހަމައަށް، 165714 މީހަކަށް ކޮވިޑް ވެކްސިން ދީފައި ވާ ކަމަށް، އެ ގައުމުގެ ހެލްތު އެންޑް ފެމިލީ ވެލްފެއާ ވުޒާރާއިން މައުލޫމާތު ދެއެވެ.
ނަމަވެސް، އިންޑިއާއިން އެންމެ ފުރަތަމަ ވަނީ، ދުވާލެއްގެ މައްޗަށް 3 ލައްކަ މީހުންނަށް ވެކްސިން ދިނުމަށް އަމާޒު ކަނޑައަޅާފައެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ 3351 ވެކްސިން ސެޝަންގައި، އެކަމަށް ތަމްރީނު ކޮށްފައިވާ 16755 ހިދުމަތްތެރިން ހަރަކާތްތެރި ވެފައި ވާ ކަމަށެވެ.
އާންމު އުސޫލުން ބޭނުން ކުރުމަށް އިންޑިއާގެ ސަރުކާރުން ވަނީ 2 ވެކްސިނަކަށް އެމާޖެންސީ އެޕްރޫވަލް ދީފައެވެ. އެއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސިނާއީ ފެންވަރުގައި އިންޑިއާގައި އުފައްދަމުން އަންނަ ވެކްސިނާއި، އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ކޮވެކްސިންއެވެ. ކޮވެކްސިން ތަރައްގީ ކޮށް އުފައްދަނީ ބާރަތު ބައޮޓެކް ކުންފުންޏާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗު ގުޅިގެންނެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު، 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކޮށްފައި ވަނީ އިންޑިއާއިންނެވެ. އެމެރިކާގެ ފަހަތުން، ލިސްޓުގެ 2 ވަނާގައި އިންޑިއާ އޮތީ، 10558710 ކޭހާ އެކުގައެވެ. އިންޑިއާއިން އިއްޔެވެސް ވަނީ 15051 ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައެވެ. މި ބަލީގައި އެގައުމުން އިއްޔެ 181 މީހަކު މަރުވި ކަމަށް ރެކޯޑް ކޮށްފައި ވާއިރު، ކޮވިޑް-19 ޖެހިގެން އިންޑިއާއިން މިހާތަނަށް 152311 މީހުން މަރުވި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.