އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާއިން މިހާތަނަށް ކުރި އެންމެ ދިގު ޑައިރެކްޓް ފްލައިޓް ދަތުރު، ތާރީހީ ގިނަ ރެކޯޑްތަކަކާއެކު، ކާމިޔާބު ކޮށްފިއެވެ.

ހުސް އަންހެން މެމްބަރުންގެ މައްޗަށް އެކުލެވޭ ކުރޫއެއް އެމެރިކާގެ ސެންފްރާންސިސްކޯއިން ފުރައިގެން އިންޑިއާގެ ބެންގަލޫރަށް ކުރި މި ދިގު ދަތުރުގައި، ދުނިޔޭގެ އެންމެ އުތުރު ތަނޑި ނުވަތަ ނޯތު ޕޯލު މަތިން ވެސް ދަތުރި ކުރި ކަމަށް އިންޑިއާ އިން ފަހްރާއެކު ފާހަގަ ކުރެއެވެ.

ގަދީމީ، ބޯދާ ގަބޫލުކުރުންތަކާއެކު އަންހެނުންނަށް ދޭ އިއްޒަތާއި ޝަރަފު އިންތިހާއަށް ކުޑަ ކުރެވިފައި އޮންނަ އިންޑިއާއިން މި ކުރި ތާރީހީ ދަތުރާއެކު، އިންޑިއާއިން ދަނީ އާ ތަސްވީރެއްގައި އެ ގައުމު ރަމްޒު ކޮށްދިނުމަށް މަސައްކަތް ކުރަމުންކަން ފާހަގަ ކުރަންޖެހެއެވެ.

4 އަންހެން ކުރޫއިންނާއެކު އެމެރިކާއިން އިންޑިއާއަށް ކުރި 16000 ކިލޯމީޓަރުގެ ދަތުރު ނިންމާލީ މިއަދު ހެނދުނުގެ ވަގުތެއްގައި، ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ފްލައިޓް ކެޕްޓަން ޒޯޔާ އަގަރްވާލު ބުނީ، ތާރީހުގައި ނަން ލިޔެވުނީ ނޯތު ޕޯލް ހުރަސްކޮށްގެން އެކަނި ނޫން ކަމަށާ، ފަހްރަކީ ހުސް އެކަނި އަންހެން މެމްބަރުންގެ މައްޗަށް އެކުލެވުނު ކުރޫއަކުން މި ދަތުރު ކާމިޔާބު ކުރުން ކަމަށެވެ. މި ދަތުރު ފުރިހަމަ ކުރި ރާސްތާއަކީ، 10 ޓަނުގެ ފިއުލް ސަލާމަތް ކޮށްދިން ރާސްތާއެއް ކަންވެސް ކެޕްޓަން ޒޯޔާ އަގަރްވާލު ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރްދީޕު ސިންހް ޕޫރީވެސް ވަނީ، މި ކާމިޔާބު ދަތުރުގެ ފަހްރު ފާހަގަ ކުރައްވާ، އަންހެން ކުރޫއަށް ތައުރީފު ކުރައްވާފައެވެ.

އެއާ އިންޑިއާއިން ބުނާ ގޮތުގައި މިއީ މުޅި އިންޑިއާގައިވެސް މިހާތަނަށް އޮޕަރޭޓް ކުރި އެންމެ ދިގު ފްލައިޓް ދަތުރެވެ.