ލަންޑަނުން ފުރައިގެން ސިންގަޕޫރަށް ދަތުރު ކުރަނިކޮށް ތާބިއުލޭންސް [ވައިގެ ތެރޭގައި ބޯޓަށް އަރާ ލޮޅުން] ގައި 5 ސިކުންތު ތެރޭ 178 ފޫޓަށް ތިރިވެގެން ދިޔަ ކަމަށް ތަހުގީގުގެ ފުރަތަމަ މަރުހަލާއިން އެނގިއްޖެއެވެ.

ސިންގަޕޫރުގެ އިންވެސްޓިގޭޓަރުން ބުނީ، ބޯޓު މިޔަންމާ އާ ދިމާ މަތީގައި އޮއްވާ ދިމާވި ޓާބިއުލޭންސް ގައި ތިރިވެގެން އެ ދިޔަ ގޮތަކީ އިޓަލީގެ ޕިސާގައި އަރިއަޅާލާފައި ހުންނަ ޓަވަރުގެ ކަތިމިނާ ދާދި އެއްވަރުގެ ގޮތެއް ކަމަށެވެ.

އެހާ ބޮޑަށް ބޯކޮޅުވަތަށް ތިރިވާއިރު ސީޓުބެލްޓް ނާޅާ ތިބޭނަމަ އަނިޔާވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައި ވެއެވެ.

އެ ހާދިސާގައި އެކަކު މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވި އިރު 20 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިފައި ވެއެވެ.

މި ބޯޓު ޓާބޮއުލޭންސް ގައި ޖެހި މިސްރާބު ބަދަލުކޮށް ގޮސް ބޭންކޮކަށް ޖައްސާ އެމަޖެންސީގައި އެންމެން ބޭލީ ބޭންކޮކަށެވެ. އެއާއެކު ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ އަށް ފަހު އެއްބަޔަކު ދޫކޮށްލި ނަމަވެސް އަދިވެސް ބައެއް މީހުން ތިބީ އައިސީޔޫގައެވެ. ބޯޓުން ދަތުރު ކުރި 211 މީހެއްގެ ތެރެއިން 130 މީހަކު މިހާރު ސިންގަޕޫރަށް ގެންގޮސްފައި ވާ އިރު ކަމާބެހޭ ފަރާތްތަކުން ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.

ފްލައިޓްގެ ޑޭޓާ ރެކޯޑަރާއި ކޮކްޕިޓުގެ ވޮއިސް ރެކޯޑަރުތަކުގައި ރައްކާ ކުރެވޭ މައުލޫމާތުތައް ދިރާސާ ކުރަމުން ދާ އިރު، އޮފިޝަލުން ބުނެފައި ވަނީ، މިޔަންމާގެ ދެކުނު ސަރަހައްދުން 37،000 ފޫޓު މަތިން ދަނިކޮށް އެކަން ދިމާވީ ކުއްލިއަކަށް ކަމަށާއި 4.6 ސިކުންތުގެ ތެރޭގައި 178 ފޫޓު [54 މީޓަރު] އަށް ތިރިވި ކަމަށެވެ.

އަދި ޓާބިއުލޭންސްގެ ވަގުތަށް ފަހު 17 ވަރަކަށް މިނެޓުގެ ތެރޭގައި ޕައިލެޓުން ވަނީ ބޯޓު ކޮންޓްރޯލް ކޮށް އަލުން 37،000 ފޫޓަށް އަރާފައި ކަމަށް ވެސް ބުނެފައި ވެއެވެ.