ރާއްޖޭއަށް ޒިޔާރަތްކުރާ 2 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލް ވުމުގައި ހޯދަމުން އަންނަ ކުރިއެރުންތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭވިއޭޝަން އެންޑް ޓްރެވަލް އިންޑަސްޓްރީ ސްޓޭކްހޯލްޑާރުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ހާއްސަ ޝުކުރެއް ދަންނަވައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭވިއޭޝަން އެންޑް ޓްރެވަލް އިންޑަސްޓްރީ ސްޓޭކްހޯލްޑާރުންނާއެކު ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ މި މަހުގެ ނިޔަލަށް ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި ކާމިޔާބީ ހާސިލް ކުރުމުގައި އިންޑަސްޓްރީގެ ޕާޓްނަރުންގެ މުހިންމު ދައުރު އޭނާ ފާހަގަކުރެއްވިއެވެ. އަދި އާ އެއާލައިންތަކާއި ރޫޓުތައް މެދުވެރިކޮށް ކަނެކްޓިވިޓީ ހަރުދަނާ ކުރުމަށާއި ކާގޯގެ ހިދުމަތްތައް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ޝަރީފް ވާހަކަ ދެއްކެވިއެވެ.

ފަތުރުވެރިކަމުގައި ރާއްޖޭގެ އަމާޒަށް ވާސިލްވުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ކުރި ބުރަ މަސައްކަތަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ހިދުމަތުގެ ކުރިއެރުމަށް ލިބޭ ކުރިއެރުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މުސްތަގްބަލުގައި ކުރިއެރުން ބިނާވެފައި ވަނީ، ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، މެރިޓައިމް ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް، އުފެދިގެންދާ ހަރުދަނާ ޕާޓްނާޝިޕްގެ މައްޗަށްކަން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުމާއި، އޮޕަރޭޝަންތައް ހަރުދަނާކޮށް، ހިދުމަތް ފޯރުކޮށްދިނުން އިތުރުކުރުމުގެ މަގްސަދުގައި ޓެކްނޮލޮޖީގެ އާ ހައްލުތައް ހޯއްދަވައި ދެއްވުމަށްޓަކައި، އޮޕަރޭޝަނަލް އެފިޝަންސީ އާއި ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ޝާރީފް އަލިއަޅުއްވާލެއްވިއެވެ.

މި ހަރަކާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ސާވިސް ޑިވެލޮޕްމަންޓްގެ ކާމިޔާބީގައި އެހީތެރިކަން ފޯރުކޮށްދިން މުހިންމު ފަރާތްތަކާ އެކު ނެޓްވޯކް ކުރުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ބޭއްވި ހަރަކާތެކެވެ.

މި ހަރަކާތުގައި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އިންޑަސްޓްރީ (މަޓީ) އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި މޯލްޑިވްސް ޔޮޓް އެސޯސިއޭޝަން (މާޔާ) ގެ އިތުރުން އެމްއޭސީއެލްގެ ސީނިއާ މެނޭޖްމަންޓާއި ރާއްޖޭގައި ހަރަކާތްތެރިވާ އެއާލައިންތަކުގެ މަންދޫބުން ބައިވެރިވެފައި ވެއެވެ.