މިހާރު އޮތް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ވުރެ 5 ގުނަ ބޮޑުކޮށް އަލް މަޚްތޫމް އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް 260 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް ހަދާކަން ދުބާއީގެ ބޮޑުވަޒީރު އަދި ނައިބު ރައީސް ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް އިއުލާން ކުރައްވައިފިއެވެ.
ޝައިހު މަޚްތޫމް ވިދާޅުވީ، އަލް މަޚްތޫމް އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހަދާއިރު ދުބާއީ އެއާޕޯޓުގެ ދެކުނުން އޮތް މުޅި ސިޓީ އެއްކޮށް ހަދާނެ ކަމަށާއި އެއީ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާނެ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރާނީ ކޮންސްޓްރަކުޝަނާއި ލޮޖިސްޓިކްސްގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ ކުންފުނިތަކަށް ކަމަށް ހާމަ ކުރައްވައި އޭނާ ވިދާޅުވީ މުޅި މަޝްރޫއުގެ އަގަކީ 35 ބިލިއަން ޑޮލަރު ކަމަށެވެ.
އަދި މިއީ އެގައުމުގެ މުސްތަގުބަލަށްޓަކައި ކުރާ މުހިންމު އިންވެސްޓްމަންޓެއް ކަމަށާއި ދަރިންގެ ދަރިންނަށް ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި އާ އެއާޕޯޓު ނިމުމާއެކު މިހާރު އޮތް ދުބާއީ އެއާޕޯޓުގެ ހުރިހާ ހިދުމަތެއް އާ ޓާމިލަށް ބަދަލު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލް މަޚްތޫމް އެއާޕޯޓަކީ 2010 ގައި ހުޅުވި އެއާޕޯޓެކެވެ. މިތަން ދެން ބަދަލުވެގެން ދާނީ ދުބާއީގެ ރަސްމީ އެއާލައިން އެމިރޭޓްސް ގެ މައި ވައިވެ ބަދަރަށެވެ. މިތަން ފުރިހަމަކޮށް ނިންމާ އިރު އެއްފަހަރާ ފުރާ ޖެއްސޭ ގޮތަށް އޮންނާ 5 ރަންވޭ އާއި މަތިންދާބޯޓުތަކަށް ހިދުމަތްދޭނެ 400 ގޭޓު ހުންނާނެއެެވެ.
މިހާރު އޮތް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓުގެ ޝަރަފު ވިދިވިދިގެން 10 އަަހަރު ހޯދާފައި ވާ އޭވިއޭޝަން ދާއިރާގެ މައި ހަބެކެވެ.
މިދިޔަ އަހަރު އެކަނިވެެސް ޓްރާންސިޓް ފަސިންޖަރުންގެ ގޮތުގައި 87 މިލިއަން މީހުން މި އެއާޕޯޓު ބޭނުން ކޮށްފައި ވެއެވެ.
ދުބާއީ އަކީ ވިޔަފާރީގެ މައި ހަބަކަށްވެސް ވާއިރު ދާދި ފަހުން ދުބާއީއަށް ކުރި އާދަހާ ހިލާފު ވިއްސާރައިގައި މުޅި ދުބާއީގައި ފެންބޮޑުވެ އެއާޕޯޓާ އެކު ފުރިގެން ދިޔަ އިރު އެތައް ސަތޭކަ ފްލައިޓެއް ޑިލޭވެ އެކިއެކި ސަރަހައްދުތަކަށް ޑައިވާޓް ކުރަން ޖެހުނެވެ.