ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން އާންމު އުސޫލުން ދޭން ފެށުމުގެ ކުރިން ހިންގާ ޓްރަޔަލް ކެމްޕޭންއެއް މިއަދު މުޅި އިންޑިއާގައި ކުރިއަށް ދާނެ ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

އިންޑިއާގެ ހުރިހާ ހިސާބަކުން 33 ސްޓޭޓަކާ ޔޫނިއަން ޓެރިޓަރީއެއްގައި މިއަދު ވެކްސިން ޓްރަޔަލް ކެމްޕޭން ކުރިއަށް ގެންދާއިރު، މިއީ މުޅި ދުނިޔޭގައިވެސް ހިންގާ މިފަދަ އެންމެ ބޮޑު ކެމްޕޭން ކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރު ހަރްޝް ވަރުދަން ވިދާޅުވީ، އިންޑިއާގެ މިހާރު އޮތީ އާންމު އުސޫލުން ވެކްސިން ފޯރުކޮށްދިނުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. އަދި މި މަރުހަލާއަކީ އަންމުންނާ ހިސާބަށް ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާ މަރުހަލާއެއް ކަމަށްވެސް ވަރްދަން ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާގައި ކުރިއަށް ގެންދާ ޑްރިލްގެ ތެރެއިން / ފޮޓޯ: އޭއެންއައި

މިއަދު ކުރިއަށް ގެންދާ ޓްރަޔަލް ކެމްޕޭނަކީ، ޑިސެމްބަރު މަހު 4 ސްޓޭޓެއްގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކަށް ބަލައިގެން، އެކަމުން ހާސިލުވި ކަންކަމަށް ރިއާޔަތް ކޮށްގެން ހިންގާ ކެމްޕޭނެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން ކެމްޕޭންގެ ފުރަތަމަ މަރުހަލާގައި ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓަލައިން ވޯކަރުން ހިމެނޭ ގޮތަށް 20 މިލިއަން މީހަކަށް ވެކްސިން ދިނުމަށް އިންޑިއާއިން ވަނީ ރާވާފައެވެ. އަދި 2 ވަނަ މަރުހަލާގައި، އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ސިއްހީ އެކި ބަލިތައް ހުންނަ މީހުން ހިމެނޭ ގޮތަށް 270 މިލިއަން މީހަކަށް ވެކްސިން ދިނުމަށްވެސް އިންޑިއާއިން ވަނީ އަމާޒު ހިފާފައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19ގެ ކޭސްތައް 2 ވަނައަށް އެންމެ ގިނަ ގައުމަކީ އިންޑިއާއެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކަށް ބަލާއިރު އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 10.3 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

ސިނާއީ ފެންވަރުގައި ކޮވިޑް-19ގެ ވެކްސިން އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ލެބެއް / ފޮޓޯ: ބްލޫމްބާގް ކުއިންޓް

އިންޑިއާގެ ކޮވިޑް-19 ވެކްސިން ކެމްޕޭން މޮނިޓާ ކުރެއްވުމުގައި އިސްކޮށް ހުންނަވާ ސިއްހީ ވުޒާރާގެ އޮފިޝަލު، ޑރ މަނޯހާރު އަގުނާނީ ވިދާޅުވީ، އިންޑިއާއަކީ އިންތިހާބުތަކާއި، އާންމު އުސޫލުން ވެކްސިން ދިނުމުގެ މަޝްރޫއުތަކުގެ ތަޖުރިބާ ލިބިފައި ވާ ގައުމެއް ކަމަށާ، މި ކެމްޕޭންގައިވެސް މި ތަޖުރިބާތައް ބޭނުން ކުރާނެ ކަމަށެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ކޮވިޑް-19 ވެކްސިން މަޝްރޫއަށް ހާއްސަ ކޮށްގެން 330000 މީހުން ތަމްރީނު ކޮށްފައެވެ.

ޑރ އަގުނާނީ ވިދާޅުވީ ފުރަތަމަ މަރުހަލާއަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި، ވެކްސިން ސިރިންޖާއި އެފަދަ އާލާތްތަކުގެ ފުރިހަމަ ކަށަވަރުކަން، މި ކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް ދެއްވާ ކަމަށެވެ.

މިއަދު ކުރިއަށްދާ ޓްރަޔަލްގައި ސަރުކާރު ހޮސްޕިޓަލުތަކުގެ އިތުރުން ޕްރައިވެޓް ހޮސްޕިޓަލްތައްވެސް ބައިވެރިވެއެވެ. މިއަދުވެސް ކުރިއަށް ދަނީ ޖަނަވަރީ 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ފަދަ ޑްރައި-ރަންއެކެވެ. ޑްރައި-ރަން މަރުހަލާގައި ދޭނީ "ފޭކު" ވެކްސިން ޑޯޒްއެކެވެ. މިއީ މިފަދަ ގޮތަކަށް އިންޑިއާގައި ކުރިއަށް ގެންދާ 3 ވަނަ ޑްރައި-ރަންއެވެ.

އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން ވަނީ އާންމު އުސޫލުން ބޭނުން ކުރުމަށް 2 ވެކްސިނަކަށް ރުހުން ދީފައެވެ. ނަމަވެސް އާންމު އުސޫލުން ވެކްސިން ދޭން ފަށާނެ ވަކި ތާރީހެއް އަދިވެސް އިއުލާން ކޮށްފައެއް ނުވެއެވެ.