ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ފެއިލްވެވަޑައިގެންފައި ވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހައްޔަރު ކުރުމަށް، އިރާގުގެ ކޯޓަކުން އަމުރެއް ނެރެފިއެވެ.

އަމިއްލަ ފަސްގަނޑުގައިވެސް އިންތިހާއަށް މަގުބޫލުކަން ގެއްލިފައިވާ ޓްރަމްޕް ހައްޔަރު ކުރުމަށް އިރާގުގެ ކޯޓަކުން އަމުރު ނެރެފައި ވަނީ، އިރާގުގެ ޕެރާމިލިޓްރީ ފައުޖުތަކުގެ އިސް ކޮމާންޑަރު، އަބޫ މަހުދީ އަލް-މުހާންދިސްގެ މަރުގެއް މައްސަލާގައެވެ.

އެމެރިކާގެ ޒަމާންވީ އަދުއްވުގެ ގޮތުގައި އޮތް އީރާނަށް އެއްބާރުލުން ދޭ ހާޝިދް އަލް-ޝާބީ ޕެރާމިލިޓްރީ ނެޓްވޯކުގެ އިސް ކޮމާންޑަރު، އަބޫ މަހުދީ އަލް-މުހާންދިސް މަރާލާފައި ވަނީ، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު، އިރާގުގެ ވައިގެ ބަނދަރުގެ ސަރަހައްދުގައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ދިން ޑްރޯން ހަމަލާގައި އަބޫ މަހުދީ އަލް-މުހާންދިސްގެ އިތުރުން އީރާނުގެ އެންމެ ނުފޫޒުގަދަ އަސްކަރީ ފައުޖުގެ އެންމެ އިސް ކޮމާންޑަރު، ގާސިމް ސުލައިމާނީވެސް ވަނީ މަރާލާފައެވެ.

އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމަށް އެމެރިކާއިން ހަމަލާ ދިން އިރާގުގެ ވައިގެ ބަނދަރު ސަރަހައްދުގައި އެއްޗެއް ރޯވެ އަނދަނީ/ފޮޓޯ: ރޮއިޓާޒް

އީރާނާއި އިރާގުގެ އަސްކަރީ އިސް ކޮމާންޑަރުތަކުން މަރާލުމަށް އަމުރު ނެރުއްވީ ޓްރަމްޕެވެ. އެމެރިކާގެ އަމަލުތައް ދިފާއު ކުރައްވަމުން ޓްރަމްޕް ވަނީ، އެކަކު މަރާލަން ހިނގި "ހަރަދު" ގައި 2 މީހުން މަރާލާފައި ވާ ކަން ދޭހަވާފަދަ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

ޝަރުއީ އިމުން ބޭރުން މީހުން މެރުމާ ދެކޮޅަށް މަސައްކަތް ކުރައްވާ އދގެ ސްޕެޝަލް ރެޕަޗުއާ އެގްނެސް ކެލަމާޑް ވަނީ، އެމެރިކާގެ މި އަމަލަކީ ޣައިރު ގާނޫނީ އަމަލެއް ކަމުގައި ކަނޑައަޅުއްވާފައެވެ.

2020 ވަނަ އަހަރުގެ ޖޫން މަހު، އީރާނުން ވެސް ވަނީ ޓްރަމްޕް ހައްޔަރު ކުރުމަށް އަމުރެއް ނެރެފައެވެ. އަދި ޓްރަމްޕް ހައްޔަރު ކޮށްދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ފުލުހުންގެ އިދާރާތަކަށް ރެޑް ނޯޓިސް ފޮނުވާދިނުމަށްވެސް އީރާނުން ވަނީ އިންޓަޕޮލްގައި އެދިފައެވެ.

އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމާއެކު އެމެރިކާއާއި ދެކޮޅަށް މުޒާހަރާކުރަނީ/ފޮޓޯ: ނަޒާނިން ތަބަތަބާއީ

ޓްރަމްޕާ ދެކޮޅަށް މައްސަލަ ބަލަމުން އަންނަ ކޯޓުން ބުނީ އިބްތިދާއީ ތަހުގީގުތައް ނިމިފައި ވާ ކަމަށެވެ. ނަމަވެސް އިތުރު ތަހުގީގުތައް ކުރިއަށް ދާ ކަމަށާ، އެ ތަހުގީގުތަކަކީ، މިކަމުގެ ފަހަތުގައިވާ އިތުރު ފަރާތްތައް ހޯދުމަށް ހިންގާ ތަހުގީގުތަކެއް ކަމަށްވެސް ކޯޓުން ބުނެއެވެ.

ޓްރަމްޕް ހައްޔަރު ކުރުމަށް އިރާގުން ކޯޓު އަމުރު ނެރެފައި ވާ މިދަނޑިވަޅަކީ، ޓްރަމްޕްގެ ސަޕޯޓަރުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ހުރުމަތް ކަނޑާ، އެތަނަށް ވަދެގަނެ، މުދަލާ ތަކެއްޗަށް ގެއްލުން ތަކެއް ދީފައި ވާ ދަނޑިވަޅެކެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ޖަނަވަރީ 7، 2020 ވަނަ ދުވަހު ކެޕިޓޮލް ބިލްޑިންގަށް ވަދެގަތް ވަގުތު މަޖިލިސް މެމްބަރުން ހިމާޔަތަށް ފިއްލަވަނީ / ފޮޓޯ: ޓްވިޓާ

މިމައްސަލާގައި، ވެރިކަން ކުރާ ރިޕަބްލިކަންސް ޕާޓީގެ މެމްބަރުންނާއި ޓްރަމްޕްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް މިހާރު ގެންދަވަނީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ޓްރަމްޕްގެ ދައުރު ހަމަވުމުގެ ކުރިން، މަގާމުން އޭނާ އަޒުލު ކުރުމަށް ކުރެވެން އޮތް ހާ މަސައްކަތެއް ކުރަމުންނެވެ.