ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އެންމެ ބޮޑު ވެފައިވާ އެމެރިކާއިން ހޮނިހިރު ދުވަހު ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކޮށްފިއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ހޮނިހިރު ދުވަހު އެމެރިކާއިން ރެކޯޑް ކުރި ކޭސް ނަމްބަރު ވަނީ 277000 އަށް އަރާފައެވެ. މިއީ މި ބަލިމަޑުކަން ފެށުނު ފަހުން އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރި ދުވަހެވެ.

އެމެރިކާއިން ބަލި ޖެހުނު މީހުންގެ އަދަދު 20.4 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 350000 އަށް އަރާފައެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާގައި ފުޅާ ދާއިރާގައި ވެކްސިން މަޝްރޫއު ހިންގަން ފަށާފައި ވާ ދަނޑިވަޅެއް ނަމަވެސް، އެ ކަމުގައި ވެސް ގޮންޖެހުންތަކާ ދަނީ ކުރިމަތިވަމުންނެވެ. ލޮޖިސްޓިކްސް މައްސަލަ ކުރިމަތިވުމުގެ އިތުރުން، ހޮސްޕިޓަލުތައް ފިތިބާރުވުމުގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.

13 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައި ވީ ނަމަވެސް، މިހާތަނަށް ވެކްސިން ދީފައި ވަނީ 4.2 މިލިއަން މީހުންނަށެވެ. މިއީ 2020 ވަނަ އަހަރު ނިމޭއިރު 20 މިލިއަން ޑޯޒް ހަމަ ކުރައްވާނެ ކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ކަނޑައެޅުއްވި އަމާޒާ ބަލާއިރު އިންތިހާއަށް މަދު އަދަދެކެވެ.

އެމެރިކާގެ މަގުބޫލު ސިއްހީ އޮފިޝަލު އެންތަނީ ފައޫޗީ ވަނީ ކުރިއަށް އޮތް ދުވަސްތަކަކީ އެ ގައުމުގައި ކޮވިޑް-19ގެ ބަލިމަޑުކަން އިންތިހާއަށް ނުރައްކާ ވާނެ ދުވަސްތަކަކަށް ވެގެންދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.