އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވި ޑރ. އަބްދުﷲ ފައިރޫޝް މަގާމުން މިއަދު ރިޓަޔާ ކުރެއްވިކަން ހާމަކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފު ފާޑު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމު ފުރުއްވުމަށް ފަހު މިއަދު ފައިރޫޝް ރިޓަޔާ ވެވަޑައިގަތީ ޕޮލިހުގައި 20 އަހަރު ދުވަހުގެ ދިގު ހިދުމަތެއް ކުރެއްވުމަށް ފަހުގައި ކަމަށެވެ.

އަދި ޕޮލިހުގައި އެ 20 އަހަރު ދުވަހު ކުރެއްވި ހިދުމަތަކީ ރައްޔިތުންނަށާއި ފުލުހުންނަށް އަގު ހުރި ހިދުމަތަކެއް ކޮށްދެއްވި އަހަރުތަކެއް ކަމަށް ސީފީ ހަމީދު ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ކޮށްދެއްވި ހިދުމަތަށް ޝުކުރު ދަންނަވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ފައިރޫޝަށް އިތުރު ކާމިޔާބާއި ތަރައްގީއަށް އެދިވަޑައިގަންނަވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

އެޓްވީޓާ ގުޅިގެން ހަސަން ލަތީފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ "ޝޭމް އޮން ޔޫ" މިހެންނެވެ.

އެޓްވީޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އެއްބަޔަކު ހަސަން ލަތީފަށް ތައީދު ކޮށްފައި ވާ އިރު އަނެއް ބަޔަކު އަންނަނީ ހަސަން ލަތިފަށް ފާޑު ކިޔަމުންނެވެ.

ހަސަން ލަތީފުގެ އިތުރުން ފައިރޫޝް ރިޓަރާ ކުރެއްވިކަން ހާމަ ކުރައްވާ ސީޕީ ހަމީދު ކުރެއްވި ޓްވީޓަށް ރައްދު ދެމުން، ރައީސް ނަޝީދުގެ ހިޔަނި ޓްވިޓާ އެކައުންޓް "އެލެކްސް އަހުމަދު" ބުނެފައި ވަނީ "ކަލޭ އޭނާ ކުރި ބަޣާވާތަށްވެސް ޝުކުރު އަދާކުރަނީ" ހެއްޔެވެ.

އޭގެ އިތުރުން މަޖިލީހުން ފުލުހުންގެ ހިދުމަތުގެ ބިލް ފާސްކުރުމާ ގުޅިގެން ބާރުގަދަ މަގާމުތަކުގައި މިހާރު ތިބި މީހުންގެ މަގާމުތަކުން ދުރުވަމުން ދާ ކަމަށް އިތުރު މީހަކު ވަނީ ބުނެފައެވެ.

އޭގެ އިތުރުން ފެބްރުއަރީ 7 ގެ ބަޣާވާތުގައި ބައިވެރިވެ، އަމިއްލައަށް ކޮމިޝަނާ ކަމަށް ދައުވާ ކުރި ފަރާތަކާ ސީޕީ ސަލާން ކުރެއްވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް އެމީހާ ބުންޏެވެ. އެޓްވީޓު ރައީސް މުހައްމަދު ނަޝީދު ވަނީ ރިޓުވީޓުވެސް ކުރައްވާފައެވެ.

ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވަޑައިގަތީ ފައިރޫޝް އެވެ. އަދި އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

ފައިރޫޝް ރިޓަޔާ ކުރައްވާފައި ވަނީ ފުލުހުންގެ އާ ގާނޫނަށް އަމަލު ކުރަން ފެށިތަނާއެވެ. އެ ގާނޫނަށް ގެނެވުނު އިސްލާހުގެ ތެރޭގައި ފުލުހުންގެ ތެރޭގައި ނުވަތަ ފުލުހުން އެހެން ބަޔަކާ ބައިވެރިވެގެން ބަޢާވާތް ކޮށްފި ނަމަ، ނުވަތަ ބަޢާވާތެއް ކުރަން އުޅެފި ނަމަވެސް އެއީ ކުށެއް ކަމަށް ބުނެފައި ވެއެވެ. އަދި އެފަދަ ކަމެއް ކުރަން ރޭވުން، އެފަދަ ކަމަކަށް ހިތްވަރު ދިނުން، އެހެން ބަޔަަކު ކުރާކަން ނުވަތަ ކުރަން ރާވާކަން އެނގިހުރެ އެކަން ސިއްރު ކުރުމަކީވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.