ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން ދިފާއުވުމަށް އާންމު އުސޫލުން ވެކްސިން ދިނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އަވަށްޓެރި އިންޑިއާއިން، ވެކްސިން ޑްރިލްގެ 2 ވަނަ ބުރު ފަށައިފިއެވެ.

އާންމު އުސޫލުން ވެކްސިން ދޭން ފެށުމަށް އެކުލަވާލާފައިވާ ސިޔާސަތާ އޮނިގަނޑުގައި ހުރި އިދާރީ އަދި ފަންނީ ގޮތުން ފޫނުބެދޭ ކަންކަން ބަލާ، ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދުމަށް މިއަދު ފެށި ޑްރިލް ނުވަތަ ވެކްސިން ޑްރައި ރަން، އިންޑިއާގެ ހުރިހާ ސްޓޭޓެއްގައި ކުރިއަށް ގެންދިއުމާ ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19 ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާގައި ކުރިއަށް ގެންދާ ޑްރިލްގެ ތެރެއިން / ފޮޓޯ: އޭއެންއައި

އާންމު އުސޫލުން ވެކްސިން ދިނުމުގެ މަޝްރޫއުގައި އިންޑިއާއިން ތަންފީޒު ކުރާ ކޮވިޑް ވެކްސިން އިންޓެލިޖެންސް ނެޓްވޯކް ނުވަތަ "ކޮވިން" ޑިޖިޓަލް ޕްލެޓްފޯމްގެ ކަންކަންވެސް މި ޑްރިލްގެ ތެރެއިން ވިލަރެސް ކުރާނެއެވެ.

އިންޑިއާގެ އެކި ހިސާބުތަކުން 116 ޑިސްޓްރިކްޓެއްގެ، 259 މަރުކަޒެއްގައި މިއަދުގެ ޑްރައި-ރަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވެކްސިން ދިނުމުގެ މަޝްރޫއަށް އިންޑިއާއިން ވަނީ 96000 މީހުން ތަމްރީނު ކޮށްފައެވެ. މީގެ ތެރެއިން 2360 މީހުން ތަމްރީނު ކޮށްފައި ވަނީ ގައުމީ ފެންވަރުގައި ކަމަށް ވާއިރު 57000 އަށް ވުރެ ގިނަ މީހުންނަކީ ޑިސްޓްރިކްޓް ފެންވަރުގައި ތަމްރީނު ކޮށްފައި ވާ މީހުންނެވެ.

ކޮވިޑް-19 ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާގައި ކުރިއަށް ގެންދާ ޑްރިލްގެ ތެރެއިން / ފޮޓޯ: އޭއެންއައި

ޑްރައި-ރަން ކުރިއަށްދާ ކޮންމެ މަރުކަޒެއްގައި ސިއްހީ ހިދުމަތްތެރިންގެ 25 މީހަކަށް "ޑަމީ" (އަސްލު ނޫން) ވެކްސިން ޑޯޒްއެއް ޖަހާނެއެވެ. މިއަދުގެ މި ހަރަކާތަކީ ވެކްސިން ދިނުމުގެ ސަބަބުން ކުރިމަތިވެދާނެ އެކި ކަންކަމަށް ތައްޔާރު ވުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވެސް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

މިއަދުގެ ހަރަކާތުގައި އެންމެ ކުދިކުދި ތަފްސީލުތަކަށްވެސް ސަމާލުކަން ދޭނެ ކަން އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ކޮވިޑް-19 ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާގައި ކުރިއަށް ގެންދާ ޑްރިލްގެ ތެރެއިން / ފޮޓޯ: އޭއެންއައި

އިންޑިއާގެ ތަޖުރިބާކާރުންގެ ޕެނަލުން އިއްޔެ ވަނީ، އޮކްސްފޯޑް އަދި އަސްޓްރާޒެނީކާއިން ތަރައްގީ ކުރަމުން އަންނަ ކޮވިޑް ވެކްސިން "ކޮވިޝީލްޑް" އަށް ރުހުން ދީފައެވެ. އާންމު އުސޫލުން ވެކްސިން ދިނުމުގެ ކުރިން، އިންޑިއާގެ ރެގިއުލޭޓަރުން މި ވެކްސިނަށް ރުހުން ދޭންޖެހެއެވެ. މިކަމުގައި މާ ގިނަ ދުވަހެއް ހޭދަ ވާނެ ކަމަކަށް ނުބެލެވެއެވެ.

ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުވެސް އިންޑިއާއިން ވަނީ ޑްރައި-ރަން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.