ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދަމުން އަންނަ ވެކްސިނަށް ރުހުން ދިނުމަށް، އިންޑިއާގެ ސަރުކާރުން ކަނޑައަޅާފައިވާ ތަޖުރިބާކާރުންގެ ހާއްސަ ޕެނަލުން ދާދި ދެންމެ އަކު ނިންމާފައި ވާ ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ އެންޑީޓީވީއިން މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ރިޕޯޓް ކުރި ގޮތުގައި، ތަޖުރިބާކާރުންގެ ޕެނަލުން ރުހުން ދިނުމާއެކު ވެކްސިން ދެން މިސްރާބު ޖަހާނީ، އިންޑިއާގެ ރެގިއުލޭޓަރު ނުވަތަ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް (ޑީސީޖީއައި)ގެ އިޒުނަ ހޯދުމާ ދިމާއަށެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ތަޖުރިބާކާރުންގެ ޕެނަލުން އަސްޓްރާޒެނީކާގެ "ކޮވިޝީލްޑް" ވެކްސިނަށް ރުހުން ދީފައި ވަނީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަކަށްފަހު މިއަދު ފުޅާ ދާއިރާއެއްގައި އެކަމަށް ބަހުސް ކުރުމަށް ފަހުގައި ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާއިން ދަނީ ކޮވިޑް-19އާ ދެކޮޅަށް އެގައުމުގެ އަމިއްލަ ވެކްސިނެއްވެސް ތަރައްގީ ކުރަމުންނެވެ. މި މަސައްކަތް ކުރަނީ ބާރަތު ބައޮޓެކާއި، އިންޑިއަން ކައުންސިލް އޮފް މޭދިކަލް ރިސާޗް (އައިސީއެމްއާރް) ގުޅިގެންނެވެ. ދެ ގުރޫޕުންވެސް ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ކުރިމަތީގައި ހާއްސަ ޕްރެޒެންޓޭޝަނެއް، މިދިޔަ ބުދަ ދުވަހު ހުށަހަޅާފައެވެ. ނަމަވެސް، ފައިޒާއިން ވަނީ އިތުރު ވަގުތު ބޭނުން ވާ ކަމަށް ބުނެފައެވެ.

ޑީސީޖީއައިގެ އިޒުނަ ލިބުމާއެކު އިންޑިއާގައި އާންމު އުސޫލުން ވެކްސިން ދިނުމުގެ މަސައްކަތް ފަށާނެއެވެ. މި މަހު މިކަން ފަށާނެ ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިޝާރާތް ކޮށްފައެވެ. އަދި މިކަމަށް އެގައުމުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މާދަމާގެ ވަގުތެއްގައި ވެކްސިން ޑްރައި-ރަންއެއް ނުވަތަ ވެކްސިން ދޭނެ ގޮތުގެ ޑްރިލްއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ ކަމަށް ހަބަރު ލިބެއެވެ.