ހަލާލު އެއްގަމު މަހުގެ ގޮތުގައި އަހާއި ކެންގަރޫ ފަދަ ޖަނަވާރުތަކުގެ މަސް އެއްކޮށްގެން، އޮޅުވާލައިގެން މެލޭޝިއާގައި ވަގު ވިޔަފާރި ކުރަމުންދިޔަ "ކާޓެލް" އެއްގެ ވާހަކަ ފަޅާ އަރައިފިއެވެ.

އެ ކުންފުނިން މިކަން ކުރާތާ 40 އަހަރު ވެފައި ވާކަމަށް ހަބަރު ލިބެއެވެ.

ނިއު ސްޓްރެއިޓް ޓައިމްސް އިން ރިޕޯޓް ކުރާ ގޮތުގައި، މި ކާޓެލް އިން އެއްގަމު މަސް ހޯދަނީ ކެނެޑާ، ކޮލަމްބިއާ، ޔޫކްރައިން، އުރުގުއާއީ، ސްޕެއިން އަދި މެކްސިކޯ ފަދަ ގައުމުތަކުންނެވެ. މި އުފެއްދުންތައް ގަންނަނީ ކަމާ ބެހޭ ލައިންސަންސްވެސް ނޯންނަ ފަރާތްތަކުގެ އަތުންނެވެ.

ސެޓްފިކެޓް ދޫކުރުމުގެ ކަންކަން ބަލަހައްޓަނީ މެލޭޝިއާގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވަލޮޕްމަންޓް އާއި ޑިޕާޓްމަންޓް އޮފް ވެޓްރިނަރީ ސާވިސަސް އިންނެވެ.

ކާޓެލްއިން ވަގު މަސް ގަންނަނީ ހަލާލް ސެޓްފިކެޓް ދޫކޮށްފައިވާ ކަތިލާ ކާރުހާނާތަކުން މަސް ވިއްކާ އަގަށް ވުރެ 50 ޕަސެންޓް ހެޔޮ ކޮށެވެ.

މެލޭޝިއާއަށް މިމަސް އެތެރެ ކުރުމަށް ފަހު، ހަލާލު ސެޓްފިކެޓް ލިބިފައިވާ އެއްގަމު މަހާ އެއްކޮށް، މޮޑެއެވެ.

މިހާ ދުވަސް ވަންދެން އެ ކާޓެލްއަށް ބޮނދައިގެން އޮވެވުނީ މެލޭޝިއާގެ ކޮރަޕްޓް ސަރުކާރުގެ ސަބަބުން ކަމަށް ނިއު ސްޓްރެއިޓް ޓައިމްސްއިން ބުނެއެވެ. ކާގޯ ރިލީޒް ކުރަން ތިބޭ އޮފިސަރުން ރިޝްވަތުގައި ހިފާ ކަމަށް ތުހުމަތު ކުރެއެވެ. ކޮންމެ ކޮންޓޭނަރަކަށް 123 ޑޮލަރުވެސް ޖެހޭ ކަމަށްވެއެވެ. އަނެއް ބައި ފަހަރު، ޖިންސީ އެދުންވެރިކަން ފުއްދައިދޭން އަންހެނުން "ހަދިޔާ" ކުރާ ކަމަށްވެސް މީޑިއާ ރިޕޯޓްގައި ތުހުމަތު ކުރެއެވެ.

ވަގު މަސް ހުރި ކޮންޓޭނަރުތައް ކުލިއާ ކުރުމަށް ފަހު މިސްރާބު ޖަހަނީ ކާޓެލްގެ ގުދަނަށެވެ. އެއީ އަލުން މޮޑެ، ބަންދު ކުރުމަށެވެ. އަދި އަސްލެއް ނެތް "ހަލާލް" ސްޓިކާ ޖެހުމަށެވެ.

މި ހަބަރު ފެންމަތި ވުމާއެކު މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެއްގަމު މަސް ވިއްކުން މަޑުޖައްސާލުމަށް ގޮވާލާފައެވެ. އަދި އާންމުންގެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ދީނީ އަގީދާއަށް އިހުތިރާމު ނުކުރީތީއެވެ. ކަމާ ބެހޭ ފަރާތްތަކުގެ ރާޑަރުގެ ދަށުން އެ ވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލާތީއެވެ.