ދިގުލާ ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގައި މިދިޔަ ބުދަ ދުވަހު އުފަންވި، ގުޅިފައިވާ އެއްމާބަނޑު ދެބެންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި، ވެރިރަށް ސަންއާގެ ޑޮކްޓަރުން ގޮވާލައިފިއެވެ.
ޔަމަނުގެ އަލް-ސަބީންއޭ ކިއުނު ހޮސްޕިޓަލުގެ އިސްވެރިޔާ ވިދާޅުވީ، ދެބެންވެސް އޮތީ ކުރިޓިކަލް ހާލެއްގައި ކަމަށާ، ގައުމުން ބޭރުގައި ނޫނީ ހެދެން ނެތް ސާޖަރީއެއް ކޮންމެހެންވެސް ހަދަންޖެހިފައި ވާ ކަމަށެވެ.
އިނދަޖެހިފައިވާ ސިއްހީ ނިޒާމެއް އޮތް ޔަމަނުގައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ސަންއާގެ ވައިގެ ބަނދަރު އޮތީ ބަންދުކޮށްފައެވެ.
ސައުދީ އަރަބިއްޔާގައި ގާއިމުކޮށްފައިވާ އެހީދޭ މަރުކަޒަކުން ވަނީ، އެހީވެދޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
"އެކޯ ކާޑިއޯގްރާމުން ދައްކާ ގޮތުގައި ދެބެން ކުރެ ކޮންމެ ކުއްޖެއްގެވެސް ވަކި ހިތެއް އެބައިން. އެކަމަކު އެއް ކުއްޖެއްގެ ހިތް އުފެދިފައިވަނީ އާންމު ކޮށް ހިތް އުފެދޭ ސަރަހައްދާ ތަފާތުކޮށް" އަލް-ސަބީން ހޮސްޕިޓަލުގެ ޑައިރެކްޓަރު މަޖުދާ އަލް-ހަތީބު ވިދާޅުވިއެވެ.
މަޖުދާ ވިދާޅުވީ "ގުޅިފައިވަނީ ކޮން ގުނަވަންތަކެއްކަން" ކަށަވަރު ކުރުމަށް ބޭނުންވާ އާލާތްތައް އެ ހޮސްޕިތަކުގައި ނެތް ކަމަށެވެ.
ސަންއާ މިވަގުތު ގޮތީ، ޔަމަނުގެ މައި ސަރުކާރާ، ސައުދީ އަރަބިއްޔާގެ ކޯލިޝަނާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ހޫތީންގެ ކޮންޓްރޯލްގެ ދަށުގައެވެ.
މިދިޔަ އަހަރުވެސް، ގުޅިފައިވާ އެއްމާބަނޑު ދެބެން ޔަމަނަށް އުފަންވިއެވެ. ނަމަވެސް ވިހޭތާ މަދު ހަފުތާ ކޮޅެއްގެ ތެރޭގައި ދެބެންވެސް މި ދުނިޔެއާއި ވަކިވިއެވެ.
ގުޅިފައިވާ އެއްމާބަނޑު ދެބެންނަކީ ހުރިހާ ގޮތަކުންވެސް ސިފަ އެއްގޮތް ނުވަތަ އައިޑެންޓިކަލް ޓްވިންސްއެވެ. އެހެނީ، ދެބެންވެސް އުފެދެނީ ފާޓިލައިޒްވާ އެއް ބިހުން ކަމުގައި ވުމުންނެވެ. ގުޅިފައިވާ އެއްމާބަނޑު ދެބެން އުފަންވަނީ ވަރަށް މަދުންނެވެ. ކޮންމެ 200000 ލައިވް ބާތަކުން 1 ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ. މި ފަދައިން އުފަންވާ ދެބެން އާންމު ގޮތެއްގައި ގުޅިފައި އޮންނަނީ މެޔާ ހިސާބުންނެވެ.
ގުޅިފައިވާ އެއްމާބަނޑު ދެބެންގެ ޖިންސަށް ބަލާއިރު، 70 ޕަސެންޓް ހިއްސާ ކުރަނީ އަންހެން ކުދިންނެވެ. ޔަމަނަށް މިފަހަރު އުފަންވީ ފިރިހެން ދެބެންނެވެ.
ގުޅިފައިވާ އެއްމާބަނޑު ދެބެން އުފަންވުމާ ގުޅިގެން ތަފާތު ގޮތްގޮތަށް ވާހަކަދެކެވެއެވެ.