ޔަމަނުގެ ހޫތީ ހަނގުރާމަވެރިން، ސިއްހީ ސާމާނު އުފުލި ޔޫއޭއީއަށް ނިސްބަތްވާ ކާގޯ ބޯޓެއް ހައިޖެކްކުރި ހާދިސާ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

ހޫތީ ހަނގުރާމަވެރިން އެ ބޯޓު ހައިޖެކް ކުރީ ޔަމަނުގެ ރަށެއް ކަމަށްވާ އަލް ހުދައިދާގެ އައްސޭރިފަށާ ކައިރިން، މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ބޯޓަކީ ޔަމަނުގެ ސޮކޮޓްރާގައި ހުރި ހޮސްޕިޓަލަކަށް ސިއްހީ ސާމާނު ހިފައިގެން ދަތުރުކުރި ބޯޓެއް ކަމަށް ވެއެވެ. ނަމަވެސް ހޫތީން ބުނީ އެ ބޯޓަކީ ހަނގުރާމަވެރި މުދާ އުފުލާ ބޯޓެއް ކަމަށެވެ.

އެ އަމަލު ކުށްވެރިކޮށް ދިވެހި ސަރުކާރުން ބުނީ، އެފަދަ އަމަލަކީ ކަނޑު ދަތުރުކުރުމުގެ މިނިވަންކަމުގެ ހައްގަށް އޮތް ނުރައްކަލެއް ކަމަށާއި، ދުނިޔޭގެ ވިޔަފާރިއާއި، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ބޮޑެތި ނުރައްކާތަކެއް ކަމަށެވެ.

އަދި މިފަދަ ހާދިސާތައް މެދުނުކެނޑި ކުރިއަށް ދިއުމަކީ، އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ބައިނަލްއަގްވާމީ މުޖުތަމައުން ކުރަމުންދާ ސުލްހައިގެ މަސައްކަތްތަކަށް ހުރަސް އެޅޭ އަމަލެއްގެ ގޮތުގައިވެސް ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ހަމަ އެއާއެކު، އެ އަމަލަކީ ސަރުކާރުން ބަލައިގަންނާނެ އަމަލެއް ނޫން ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ބައިނަލްއަގުވާމީ ސުލްހައަށް ހުރަސް އެޅޭފަދަ އެންމެހާ ކަންކަމާ ކުރިމަތިލުމުގެ ޒިންމާ އުފުލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.