ނައިބު ރައީސް މަގާމުން ދުރު ކުރައްވާ، ހުދު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރުތައް، ރިޔާސީ ކައުންސިލުގެ އަތް މައްޗަށް ދޫކޮށްލައްވާފައި ވާ ކަމަށް، ޔަމަނުގެ ރައީސް އަބްދު-ރައްބޫ މަންސޫރު ހާދީ ވިދާޅުވެއްޖެއެވެ.

ޔަމަނުގެ ރައީސް މިކަން އިއުލާން ކުރައްވާފައި މި ވަނީ، ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައި ވާ ޔަމަނަށް އެހީގެ ގޮތުގައި ސައުދީ އަރަބިއްޔާއިން އެތައް ބިލިއަން ޑޮލަރެއް ހުށަހަޅާ، އެ ގައުމުގައި ހަނގުރާމަ ކުރަމުންދާ ހޫތީންނާއެކު ސުލްހައިގެ މަޝްވަރާތަކަށް ހާދީ ވަޑައިގަތުމަށް ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ހާދީ ވިދާޅުވީ މިއަދުން ފަށައިގެން ޔަމަނުގެ ރައީސްއާއި ނައިބު ރައީސް މައްސޫލިއްޔަތުތައް އަދާ ކުރަމުން ދާނީ ރިޔާސީ ކައުންސިލުން ކަމަށެވެ. މިއަދަކީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާތަކުގެ އެންމެ ފަހު ދުވަހެވެ.

ބާރުތައް ދޫކޮށްލެއްވިކަން ހާދީ އިއުލާން ކުރެއްވުމާއެކު ސައުދީ އަރަބިއްޔާއިން ވަނީ، ޔަމަނުގެ އިގުތިސޯދަށް އެހީވުމުގެ ގޮތުން، 3 ބިލިއަން ޑޮލަރު ހަމަޖައްސަމުން ދާ ކަން ހާމަ ކޮށްފައެވެ. މީގެ ތެރެއިން 2 ބިލިއަން ޑޮލަރަކީ ސައުދީ އަރަބިއްޔާއިން ދޭ އެއްޗަކަށް ވާ އިރު، އަނެއް ބިލިއަން ޑޮލަރު ފޯރުކޮށްދެނީ އެކުވެރި އަރަބި އިމާރާތުން ކަމަށް މައުލޫމާތު ލިބެއެވެ.

އެކުވެރި އަރަބި އިމާރާތަކީ ޔަމަނުގައި އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވަމުންދާ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް، ހާދީގެ ސަރުކާރުގެ ދިފާއުގައި، ސައުދީ އިސްވެ އޮވެ ހަނގުރާމަ ކުރަމުންދާ ކޯލިޝަންގެ މެންބަރު ގައުމެކެވެ.

2014 ވަނަ އަހަރު ހޫތީ ހަނގުރާމަވެރިން، ޔަމަނުގެ ވެރިރަށް ސަނާ ހިފިފަހުން އެ ގައުމުގައި ފެށި ވަރުގަދަ ހަނގުރާމައަށް އަދާ ޖެހުނުއިރުވސް ވަނީ ހައްލެއް ނުހޯދިއެވެ. ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރަވުމުގެ ނަތީޖާއެއްގެ ގޮތުން، ހަނގުރާމަ އިތުރަށް ގަދަވެ، ޔަމަނުގެ އަންމު ރައްޔިތުން ވަނީ އިންތިހާ ދަތި ހާލުގައި ޖެހިފައެވެ. އަދި ޔަމަނުގެ ރައްޔިތުން މިހާރު ތަޖުރިބާ ކުރަމުން ދަނީ އިންސާނީ ތާރީހު ދުށް، އެންމެ ތަކުލީފު ބޮޑު އިންސާނީ ކާރިސާ ކަމަށް އދއިން ވަނީ ސިފަ ކޮށްފައެވެ.