ޔަމަނުގައި ހަނގުރާމަ ކުރަމުން އަންނަ ހޫތީން ރެކްރޫޓު ކޮށްފައިވާ ކުޑަކުދިންގެ ތެރެއިން 1500 އެއްހާ ކުދިން، 2020 ވަނަ އަހަރު، ހަނގުރާމައިގެ ތެރޭގައި މަރުވެފައި ވާ ކަމަށާ، ވިދިގެން އައި އަހަރުވެސް އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ މި ފަދައިން ގެއްލިފައި ވާ ކަމަށް އދއިން ބުނެފިއެވެ.

އދގެ ސަލާމަތީ މަޖިލީހަށް ތަޖުރިބާކާރުން ހުށަހެޅުއްވި ރިޕޯޓެއްގައި ބުނެފައި ވަނީ، ހޫތީންގެ ހަނގުރާމައަށް އަދިވެސް ކުޑަކުދިން ރެކްރޫޓު ކުރަމުން ދާ ކަމަށާ، އެބައި މީހުންގެ ފިކުރު ފަތުރަމުން ދަނީ ސަމާ ކޭމްޕުތަކާ މިސްކިތެއް ބޭނުން ކޮށްގެން ކަމަށެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާ އިސްވެ އޮވެ، އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނުން، ހޫތީންނަށް އަމާޒު ކޮށްގެން ދެމުން ދާ ހަމަލާތަކުގައި، އާންމުންގެ ފުރާނައަށް އަދިވެސް ނުރައްކާ ވަމުން އަންނަ ކަމަށްވެސް ތަޖުރިބާކާރުންގެ ރިޕޯޓްގައިވެއެވެ.

2015 ވަނަ އަހަރު ޔަމަނުގައި ހަނގުރާމަ ފެށި ފަހުން އަދާ ޖެހުނު އިރު، މަރުވި ކުޑަކުދިންގެ އަދަދު 10000 އަށް ވުރެ މައްޗަށް އަރައެވެ.

4 މެމްބަރުންގެ ޕެނަލުން އެކުލަވާލެއްވި ރިޕޯޓްގައި ވާ ބައެއް ވާހަކަތަކަށް ބަލާއިރު، ހޫތީންގެ ޝިއާރު ޕްރޮމޯޓް ކުރުމަށް ކުޑަކުދިންނަށް ވަނީ ދަސްކޮށްދީފައެވެ. އަދި އުމުރުން އެންމެ 7 އަހަރުގެ ކުދިންނަށްވެސް، ހަތިޔާރު ސާފު ކުރުމަށާ، އޮޅުވާލުމުގެ ތެރެއިން ރޮކެޓަށް ފިލާނެ އުކުޅުތައްވެސް ދަސްކޮށްދީފައި ވާ ކަމަށް ރިޕޯޓްގައި ވެއެވެ.

މީގެ އިތުރުން ސީދާ ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބޮޑެތި މީހުންނެއްގެ ފުރާނަ ގެއްލިފައި ވާ އިރު، އެތައް މިލިއަން ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި އެތައް ބަޔަކު ތިބީ، އިންތިހާ ބަނޑުހައި ހޫނު ކަމުގައި، ބަނޑަށް ޖެހުމުގެ ތުންފަތް މަތީގައި ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.