ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ނެރުނު އާ ރިޕޯޓެއްގައި، ޔަމަނުގެ ބޯޑަރު ސަރަހައްދުން ހިޖުރަކުރި ގިނަ ބަޔަކު މަރާލިކަމުގެ ތުހުމަދު ސައުދީ ބޯޑަރުގެ ގާޑުންގެ މައްޗަށް ކޮށްފިއެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޔަމަނު ހުރަސްކޮށް ސައުދީ އަރަބިއްޔާއަށް ދާ އިތިއޯޕިއާގެ އެތައް ސަތޭކަ ބަޔަކު މަރާލާފައިވާ ކަމަށެވެ.
ސައުދީ އަރަބިއްޔާއިން މީގެ ކުރިން ވެސް ވަނީ މިފަދަ ތުހުމަތުތައް ދޮގުކޮށްފައެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި، "ދޭ ފަޔާޑް އޮން އަސް ލައިކް ރެއިން" ގެ ނަމުގައި ނެރުނު ރިޕޯޓުގައި، ސައޫދީ އަރަބިއްޔާއާއި ޔަމަނުގެ އުތުރުގެ ބޯޑަރު ސަރަހައްދުގައި ސައޫދީ ފުލުހުންނާއި ސިފައިން ބަޑިޖަހާ، އަދި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ހަމަލާދިން ކަމަށް ބުނާ ހިޖުރަވެރިންގެ ހެކިބަސް ހިމަނާފައި ވެއެވެ.
ބައެއް ހިޖުރަވެރިން ބުނީ، ރޭގަނޑުގެ ވަގުތުތަކުގައި މަސައްކަތް ހޯދުމަށް ބޯޑަރު ހުރަސްކުރަން އުޅުމުގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ނުރައްކާތެރި ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ.
އުމުރުން 21 އަހަރުގެ މުސްތަފާ ސޫފިއާ މުހައްމަދު ކިޔައިދިން ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ބޯޑަރު ހުރަސްކުރަން އުޅުމުގެ ތެރޭގައި އޭނާ އާއެކު 45 ހިޖުރަވެރިން ހިމެނޭ ގްރޫޕްގެ ބައެއް މީހުންނަށް ބަޑީގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.
"އަހަންނަށް ފުރަތަމަ ނުވެސް އިނގޭ އަހަރެންގެ ގަޔަށް ވަޒަނެއް އެރިކަންވެސް. ތެދުވެ ހިނގަން މަސައްކަތް ކުރި އިރު އެއް ފަޔަށް އިނީ ވަޒަނެއް އަރާފައި." އޭނާ ކިޔާދިނެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އޭނާގެ ވާތު ފައި ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. މިހާރު އިތިއޯޕިއާގައި މުސްތަފާގެ މައިންބަފައިންނާއެކު އޭނާ ދިރިއުޅެމުން އަންނަ އިރު، އޭނާގެ ފައި ކަކުލުން ތިރި ވަނީ ބުރިކޮށްލާފައެވެ.
"އަހަރެން ސައޫދީއަށް ދިޔައީ އަހަރެންގެ އާއިލާގެ ދިރިއުޅުން ރަނގަޅުކުރުމަށް ބޭނުންވާތީ" ދެ ކުދިންގެ ބައްޕަ ބުންޏެވެ. "އެކަމަކު އަހަރެން އުންމީދު ކުރި ގޮތަކަށް ނޫން ކަންތައް ދިމާވީ. މިހާރު އަހަރެންނަށް އަޅާލަން ޖެހިފައިވަނީ އަހަރެންގެ އާއިލާއަށް." މުސްތަފާ ބުންޏެވެ.
ނަން ހާމަކުރަން ބޭނުން ނުވާ އިތިއޯޕިއާގެ އެހެން ހިޖުރަވެރިއަކު ބުނީ، ބޯޑަރު ހުރަސްކުރަން އުޅުމުގެ ތެރޭގައި ސައުދީގެ އަސްކަރީ ޔުނީފޯމް އަޅައިގެން ތިބި ބަޔަކު ދިން ބަޑީގެ ހަމަލާގައި އޭނާ ޒަހަމްވި ކަމަށެވެ.
"އެމީހުން އަހަރެމެން ގައިގަ ތަޅާ އަނިޔާކުރި. ބައެއް މީހުން މަރުވެސް ވި. އަނިޔާތައް ލިބި ޒަހަމްވި މީހުން ހޮސްޕިޓަލަށްވެސް ގެންދިޔަ. މަރުވި މީހުންގެ ހަށިތައް އޮތީ ބިންމަތީގައި އުކާފައި އޮތްހެން." އޭނާ ކިޔާދިނެވެ.
"އަހަންނަށް ލިބުނު ޒަހަމުގައި ފަޔަށް ވަޒަން އެރުމުން މިހާރު ފައި ވަނީ ވާގި ގޮސްފައި. އަހަންނަށް ނުވެސް ހިނގޭ."
ނުރައްކާތެރި ހަމަލާތަކުގެ ފުން ޒަހަމުތައް
ސަލާމަތްވި ބައެއް މީހުންގެ ކިބައިން ފެންނަނީ ވަރަށް ބޮޑު ހިތާމައެއްގެ އަލާމާތްތަކެވެ.
ޔަމަނުގެ ވެރިރަށުގައި ޒަހްރާ (އަސްލު ނަމެއް ނޫން) އަށް ވީ ގޮތުގެ ވާހަކަ އޭނާ އަށް ކިޔާދެވުނީވެސް ވަރަށް އުނދަގުލުންނެވެ.
އުމުރުން 18 އަހަރުވީ ނަމަވެސް ފެންނަނީ ޒުވާން ކޮށެވެ. ވަޒަނަކުން ލިބުނު ހަމަލާއެއްގައި އެއް އަތުގެ ހުރިހާ އިނގިލިތައް ވަނީ ގޮސްފައެވެ.
އދ.ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންއިން ބުނާ ގޮތުގައި އަހަރަކު އެތައް ހާސް ބަޔަކު ނުރައްކާތެރި ދަތުރެއް ކުރަނީ، ހޯން އޮފް އެފްރިކާއިން ޔަމަނަށް ކަނޑުމަގުން ދަތުރުކުރުމަށްފަހު ސައުދީ އަރަބިއްޔާއަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި އެ ދަތުރުތަކުގައި ގިނަ ބަޔަކު ޖަލަށް ލުމާއި މާރާމާރީތައް ތަޖުރިބާ ކުރެއެވެ.
ކަނޑު ހުރަސްކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ދިޖްބޫތީގެ އައްސޭރިފަށުގައި އޮތް އުޅަނދަކަށް ލިބުނު ހަމަލާއެއްގައި 24 އަށް ވުރެ ގިނަ ހިޖުރަވެރިން ގެއްލުނު ކަމަށް މިދިޔަ ހަފުތާގައި ވަނީ ރިޕޯޓް ކޮށްފައެވެ.
ޔަމަނުގައި ހިޖުރަކުރާ މައި މަގުތައް ވަނީ ދަތުރުގައި މަރުވާ މީހުންގެ މަހާނަތަކުން ފުރިފައެވެ.
ޔަމަނުގެ އުތުރުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީ ހަނގުރާމަވެރިން ހިންގާ ވެރިރަށް ސަނާގެ ޑިޓެންޝަން ސެންޓަރެއްގައި މީގެ ދެ އަހަރު ކުރިން ހިނގި އަލިފާނުގެ ހާދިސާގައި އެތައް މިލިއަން ހިޖުރަވެރިންނެއް ވަނީ މަރުވެފައެވެ.
ނަމަވެސް އެންމެ ފަހުގެ އެޗްއާރުޑަބްލިއު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޯނާތަކަކީ މިންވަރާއި ބާވަތަށް ބަލާއިރު ތަފާތު އަނިޔާތަކެކެވެ.
"އަޅުގަނޑުމެން ޑޮކިއުމެންޓް ކުރި އެއްޗަކީ އަސްލު ޖުމްލަކޮށް މީހުން މެރުން" ރިޕޯޓުގެ އިސް ލިޔުންތެރިޔާ ނާދިޔާ ހާޑްމަން ބުންޏެވެ.
2022 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބަލާފައިވާ މި ރިޕޯޓުގައި ނުރައްކާތެރި ހަތިޔާރާއެކު ހިނގި ތަފާތު 28 ހާދިސާއަކާއި، ބަޑިޖެހުމުގެ 14 ހާދިސާއެއް ވަނީ ހިމަނާފައެވެ.
ސަލާމަތްވި މީހުންނަށް ލިބިފައިވާ ހުރި އެތައް ޒަހަމްތަކެއްގެ ފޮޓޯއާއި ވީޑިއޯ ލިބުނު. އެއީ ވަރަށް ބިރުވެރި ޒަހަމްތަކެއް."
ބޯޑަރު ހުރަސްކުރާ ތަންތަނުގެ ދުރުކަމާއި ސަލާމަތްވި މީހުން ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން މަރުވެފައިވަނީ ކިތައް މީހުންކަން ސީދާ ނޭނގޭ ކަމަށް ލިޔުންތެރިން ބުނެއެވެ.
"އަޅުގަނޑުމެން މި ބުނަނީ މަދުވެގެން 655 އޭ، އެކަމަކު އެއީ އެތައް ހާސް ބަޔަކަށް ވެދާނެ" ހާޑްމަން ބުންޏެވެ.
އުތުރުގެ ބޯޑަރު ސަރަހައްދުގައި ސައުދީގެ ސަލާމަތީ ބާރުތަކުން ބޮޑެތި އަދަދުތަކުން މީހުން މެރުމުގެ ވާހަކަތައް އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ އޮކްޓޫބަރު މަހު އދގެ ތަޖުރިބާކާރުން ރިޔާދުގައި ހުންނަ ސަރުކާރަށް ފޮނުވި ސިޓީއެއްގައެވެ.
އެއީ ބޮޑެތި ތުހުމަތުތަކެއް ނަމަވެސް، އެ ސީޓީގެ ވާހަކަ މީޑިއާތަކުން މާ ބޮޑަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.
ސައޫދީން ކުރަނީ އިންކާރު
ސައޫދީ ސަރުކާރުން ބުނީ އެ ތުހުމަތުތައް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށާއި، އދއިން ކޮށްފައިވާ ތުހުމަތު ހަރުކަށި އިބާރާތުން ދޮގުކުރާ ކަމަށެވެ.
"ދީފައިވާ މައުލޫމާތަށް ބިނާކޮށް، ސައުދީގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުތައް ކަށަވަރުކޮށްދޭ ނުވަތަ ސާބިތުކޮށްދޭނެ އެއްވެސް މައުލޫމާތެއް ނުވަތަ ހެއްކެއް ފެނިފައެއް ނުވޭ،" ސަރުކާރުން ޖަވާބު ދިނެވެ.
ނަމަވެސް މިދިޔަ މަހު ދުނިޔޭގެ ރިސާޗް ނެޓްވޯކެއް ކަމަށްވާ މިކްސް މައިގްރޭޝަން ސެންޓަރުން ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި ވަނީ ބޯޑަރު ސަރަހައްދުގައި މީހުން މެރުމުގެ ވާހަކަތައް ސަލާމަތްވި މީހުންގެ އިންޓަވިއުތަކުން ހިމަނާފައެވެ.
އެ ދިރާސާ ރިޕޯޓުގައި، ބޯޑަރު ސަރަހައްދުގައި މަރާލާފައިވާ ހަށިތަކުގެ ފޮޓޯތަކާއި، ސައުދީ ބޯޑަރުގެ ގާޑުން، ހިޖުރަވެރިން ގާތު ވަޒަން ޖަހަންވީ ކޮން ފަޔަކަށްތޯ އަހާފައިވާ ވާހަކަތަކާއި، ހަމަލާދިނުމަށް މެޝިން ގަން އާއި މޯޓާ ބޭނުންކުރާ މަންޒަރުގެ ގްރެފިކް ތަފްސީލުތައް ހިމަނާފައިވެއެވެ.
ހިއުމަން ރައިޓްސް ވޮޗްގެ މި ރިޕޯޓަކީ މިހާތަނަށް ހަދާފައިވާ އެންމެ ތަފްސީލީ ރިޕޯޓު ކަމަށް ވާއިރު، މި ރިޕޯޓުގައި ގިނަ ބަޔަކު މަރާލާފައިވާ ކަމަށް ބުނާ ސަރަހައްދުތަކުގެ އިތުރުން ވަގުތީ ގޮތުން ވަޅުލާފައިވާ ތަންތަނުގެ މަންޒަރު ދުށް މީހުންގެ ގިނަ ރިޕޯޓްތަކާއި ސެޓެލައިޓް ފޮޓޯތައްވެސް ހިމަނާފައިވެއެވެ.
ޔަމަނުގެ އެތެރޭގައި އޮންނަ މޮނަބްބިހްގައި ހުންނަ ޑިޓެންޝަން ސެންޓަރެއް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެޗްއާރްޑަބްލިއު އިން އިންޓަވިއު ދިން ހިޖުރަވެރިއަކު ބުނި ގޮތުގައި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަކީ މޮނަބްބިހްގެ ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ އެކު މަސައްކަތް ކުރާ ބައެކެވެ.
ސެޓެލައިޓް ފޮޓޯއަކުން ފެންނަގޮތުގައި އަލިގަދަ އޮރެންޖް ޓެންޓްތައް ފެންސް ޖަހާފައިވާ ކޮމްޕައުންޑެއްގެ ތެރޭގައި ވަރަށް ވަރުގަދައަށް ބަންދުކޮށްފައި ހުއްޓެވެ.
ހިޖުރަވެރިން މެރުން އަދިވެސް ނުހުއްޓޭ
އެޗްއާރްޑަބްލިއުގެ ރިޕޯޓުގައި މިއަހަރުގެ ޖޫން މަހާ ހަމައަށް ހިނގާފައިވާ ހާދިސާތައް ހިމަނާފައިވާއިރު، ބީބީސީން ވަނީ މީހުން މެރުމުގެ ކަންކަން އަދިވެސް ކުރިއަށްދާކަމުގެ ހެކި ހޯދާފައެވެ.
އުތުރުގެ ސިޓީއެއް ކަމަށްވާ ސާދާގެ މަންޒަރުތަކުން ފެންނަ ގޮތުގައި ބޯޑަރު ސަރަހައްދުގައި ޒަހަމްވި ހިޖުރަވެރިން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހޮސްޕިޓަލަށް ދާތަން ފެނުނެވެ. ކައިރީގައި ހުރި ގަބުރުސްތާނެއްގައި މަރުވި މީހުން ވަޅުލުމުގެ ކަންކަން ކުރިއަށް ދިޔައެވެ.
މިކަމާ ގުޅިގެން ސީދާ ސައުދީ ސަރުކާރުގެ ބަހެއް ނުލިބެއެވެ.
ސައޫދީ ސަރުކާރުގެ މަސްދަރަކުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި އެއީ އިތުބާރު ކުރެވޭ ވަސީލަތެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ތުހުމަތުތަކެއް ނޫން ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން އެޗްއާރްޑަބްލިއުއަށް ފޮނުވި ސިޓީގައި ސަނާގެ ހޫތީންގެ ސަރުކާރުން ބުނެފައި ވަނީ ސައޫދީ ބޯޑަރު ގާޑުން "ހިޖުރަވެރިންނާއި ޔަމަނުގެ ރައްޔިތުން ގަސްދުގައި މަރާލާކަން" އެނގޭ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ އެކު މަސައްކަތް ކުރާ އެ މީހުންނަކީ ކުށްވެރިން ކަމަށް ދެކޭ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.