ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެންމަނިކު އެއާޕޯޓަށް ފުރަން ވަޑައިގެން ހުންނަވަނިކޮށް ހުއްޓުވާ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ އެމްއެމްޕީއާރްސީ މައްސަލައިގެ ހިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ރާއްޖެއިން ފުރުން، ނިހާނަށް މަނާކޮށްފައިވާ ކަމަށެވެ.

ނިހާންގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ ނިހާންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. "ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުގައި ނިހާން ހިފަހައްޓާފައި ވަނީ އިއްޔެ ދުބާއީއަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓައެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، އެމްއެމްޕީއާރުސީގެ ތަހުގީގަށް ނިހާން ވަނީ މިދިޔަ އޮކްޓޯބަރު މަހު، ދެފަހަރެއްގެ މަތިން އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުވެސް ކޮށްފައެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއްވެސް އެ ކޮމިޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.

ނިހާނުގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެ ކޮމިޝަނަށް ހާޒިރު ކުރިއެވެ. އަދި އަދީބު މިހާރު ހުންނެވީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައްސަލަތަކެއްގައި 20 އަހަރުގެ ޖަލު ހުކުމެއްގައެވެ.

ހިޔާނާތާ ގުޅިގެން ޔާމީނު ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. އެކަން އެ ކޮމިޝަނުންވެސް ޔަގީން ކޮށްދެއެވެ.

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އޭރާއި މިހާރުގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ފަނޑިޔާރުންނާއި، ސަރުކާރުގެ ބައެއް އޮފިޝަލުންނާއި އާންމުންގެ ތެރެއިން ގިނަ ބަޔަކު ހިމެނޭ ގޮތުން ގިނަ ބަޔަކަށް މަންފާ ލިބިފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީ ބައެއް ހިޔާނާތާ ގުޅިގެން މިހާތަނަށް 3 ބޭފުޅަކަށް ދައުވާއެއް ކޮށް ހުކުމް ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. އެގޮތުން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައިފައި ވާއިރު، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި ޒިޔަތު 11 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.