ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކޮށްދިނުމަށް ދިވެހި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ދިވެހި ރާއްޖޭގެ ހާރިޖީ ވުޒާރާއިން ކަށަވަރު ކޮށްދީފިއެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމަށް ރާއްޖެއިން ބިމެއް ހަމަޖެހޭކަން ދޭހަވާފަދަ މޭރުމަކުން ލަންކާގެ މީޑިއާގައި ރިޕޯޓެއް ދައުރުވަމުންދާ މިދަނޑިވަޅުގައި ދިވެހި ހާރިޖިއްޔާއިން ބުނީ، ކޮވިޑްގައި ލަންކާއިން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައި ވާ ކަމަށެވެ.

އިސްލާމީ އަހުވަންތަކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތް ކުރައްވާ، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި، ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަންވެސް ދިވެހި ހާރިޖިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ކޮވިޑްގެ ޝިކާރައަކަށްވެ، އެ ބަލީގައި މަރުވާ މީހުން ވަޅުލުމަށް ހާއްސަ ޝަރުތުތަކެއް ހަމަވާ ބިމެއް ހޯދުމަށް، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވީ ހުސްވި ހަފުތާގެ ތެރޭގައެވެ.

އެގޮތުން އިންތިހާއަށް ހަނަފަސް އަދި ފެންފަށަލަ އިންތިހާއަށް ފުނުގައި އޮންނަ ބިމުގެ ސަރަހައްދެއް ހޯދުމަށާ، ބިން ހޯދުމުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދު ހޯދުމަށްވެސް ރާޖަޕަކްސަ ވަނީ އަންގަވާފައެވެ.

ރާޖަޕަކްސަ މިފަދަ އިރުޝާދެއް ދެއްވާފައި ވަނީ، ކޮވިޑް-19ގައި ލަންކާއިން މަރުވާ މީހުންގެ ހަށިގަނޑާ މެދު އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޮޑުވަޒީރު ރަސްމީ އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައެވެ.

ސްރީލަންކާގެ ސިއްހީ ތަޖުރިބާކާރުން ބޮޑުވަޒީރަށް ވިދާޅުވީ، ކޮވިޑް-19ގައި މަރުވާ ޕޭޝަންޓުންގެ ހަށިގަނޑުގައި 36 ދުވަހަށް ވައިރަހުގެ އަސަރު ހުންނާނެ ކަމަށެވެ. މިފަދަ ރޫހެއްގައި ބޮޑުވަޒީރަށް މައުލޫމާތު އަރުވާފައި ވާ އިރު، ރާޖަޕަކްސަ ވަނީ، ދީނީ ގަބޫލުކުރުންތަކެއްގެ ސަބަބުން، އަނެކާގެ ސިއްހަތު، ނުރައްކަލަށް ހުށަނޭޅެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ނައްތާލަނީ އަންދާލައިގެންނެވެ. ނަމަވެސް މިއީ މުސްލިމުންގެ އަގީދާއާ ހިލާފު ކަމެއް ކަމުން، މިކަމުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ކަން މިހެން އޮތް އިރު، ބޮޑުވަޒީރު ވަނީ، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މުސްލިމު މެމްބަރުންގެ އެއްބާރުލެއްވުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިންވެސް ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ ގައުމެވެ.