މަޝްހޫރު މީހުންނަށް، އެމީހުންގެ ފޭނުން ނުވަތަ ސަޕޯޓަރުންގެ ފަރާތުން ސިޓީ ލިބުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް، ފޯމިއުލާ 1 ދުނިޔޭގެ ޗެމްޕިއަން ރޭސްކާރު ޑްރައިވަރަށް، އުމުރުން އެންމެ 11 އަހަރުގެ ކުއްޖަކު ފޮނުވި ސިޓީ ވަރަށް ހާއްސައެވެ. ހެމިލްޓަންއަށްވެސް މިސިޓީ ހާއްސައެވެ.

ހެމިލްޓަންއަށް މިސިޓީ ފޮނުވީ، ބަހްރައިން އަށް ނިސްބަތްވާ، އުމުރުން އެންމެ 11 އަހަރުގެ އަހުމަދު ރަމަދާންއެވެ. މި ސިޓީގައި ރަމަދާން ކުރަހާފައި އޮތީ ހެމިލްޓަންގެ ކާރެވެ. އަދި އޭނާގެ ބައްޕަގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް އާދޭހުގެ މެސެޖެއްވެސް ލިޔެފައި އޮތެވެ.

އުމުރުން 11 އަހަރުގެ އަހުމަދު ރަމަދާން، ލުވިސް ހެމިލްޓަންއަށް ފޮނުވި މެސެޖު / ފޮޓޯ: ކޭޒާން އޮސްޓިން

މި ސިޓީގެ ވާހަކަ ހެމިލްޓަން ހާމަ ކުރީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ހެމިލްޓަންވަނީ ރަމަދާންއާއި ބައްދަލުކޮށް، މިކަމުގައި ހައްލެއް ހޯދުމަށް އޭނާއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފައެވެ.

ރަމަދާން އުއްމީދު ކޮށްގެން ހުރީ، ނިޒާމުގެ ތެރެއިން އޭނާގެ ބައްޕަ "ގެއްލުވާލުމުގެ" ކުރިން، "ހީރޯއެއް" އައިސް ބައްޕަ ސަލާމަތް ކޮށްދޭނެ ކަމަށެވެ. ހެމިލްޓަންގެ ކާރު ކުރަހަމުން ދިޔައިރުވެސް، ބައްޕަ ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު އޮތް ކަމަށް ރަމަދާން ވަނީ ބުނެފައެވެ.

ޔޫއޭއީގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވޯލްޑް ޗެމްޕިއަން ލުވިސް ހެމިލްޓަން / ފޮޓޯ: ރޭސްފޭންސް

ރަމަދާންގެ ބައްޕަ ހައްޔަރުކޮށް، ބަހްރައިންގެ އެންމެ މަތީ ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ ބޮމުގެ ހަމަލާއެއްދީ ފުލުސް އޮފިސަރެއް މަރާލި މައްސަލާގައެވެ. މުޙައްމަދު ރަމަދާން (ބައްޕަ) އާއެކު ހުސައިން މޫސާ ނަމަކަށް ކިއާ މީހެއްގެ މައްޗަށްވެސް މި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވެއެވެ. ނަމަވެސް، ފަހުން ހާމަވީ ކަންކަމަށް ބަލާއިރު، މުޙައްމަދާއި ހުސައިންގެ އިއުތިރާފު ބަޔާން ނަގާފައި ވަނީ ލާއިންސާނީ އަނިޔާ ދީގެންނެވެ.

ދުނިޔޭގެ 1 ނަމްބަރު ރޭސް ކާ ޑްރައިވާ ލުވިސް ހެމިލްޓަން / ފޮޓޯ: ސްކައިސްޕޯޓްސް

މިކަމާ ގުޅިގެން ހެމިލްޓަން ބުނީ، ބަހްރައިންގެ ވަލީއަހުދު އަމީރު ސަލްމާން ބިން ހަމަދު އަލް ހަލީފާއެކު "ޕްރައިވެޓް" މަޝްވަރާތަކަކަށް ދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ނަމަވެސް، ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމުގެ ސަބަބުން މިކަމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ހެމިލްޓަން ވަނީ ބުނެފައެވެ. ކޮވިޑަށް ޕޮޒިޓިވްވި ހެމިލްޓަން މިހާރު އެ ބައްޔަށް ނެގެޓިވް ކަމަށް މައުލޫމާތު ލިބެއެވެ.