ފަރުދުންގެ ހައްގުތައް އިހުތިރާމްކުރާ ފަދައިން ދައުލަތުގެ ހައްގުތަކަށްވެސް އިހްތިރާމް ކުރަން ޖެހޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގައި ކުރިއަށްގެންދިޔަ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި ރާއްޖެއިން މިހާތަނަށް ގިނަ ކުރިއެރުންތަކެއް ހޯދާވާފައިވާކަމަށެވެ. އެގޮތުން ދުނިޔޭގެ ނިސްބަތުން ބޭސްފަރުވާއާއި ތައުލީމު ލިބުމުގެ ހައްގު ތަފާތުކުރުމެއް ނެތި ލިބެމުންދާ ކަމީ ރާއްޖެއިން ހޯދާފައިވާ ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މީގެ 1400 އަހަރު ކުރިން، އިންސާނީ ހައްގުތަކުގެ މުހިއްމުކަމުގެ ވާހަކައާއި އޭގެ ފިލާވަޅިތަކުގެ ވާހަކަ މާތްވެގެންވާ އިސްލާމް ދީން އުގަންނައިދީފައިވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖެ މުސްލިމު ގައުމެއްގެ ގޮތުގައި އޮތް އޮތުމަކީ އިންސާނީ ހައްގުތަކުން ނަމޫނާ ދައްކަންޖެހޭ ސަބަބެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމުގައި ވަރުބަލި ކަމެއް ނެތި ދިވެހިންގެ ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތަހުޒީބު މުޖްތަމައެއްގެ ތަރައްގީ އާއި އިންސާނީ ހައްގުތައް ގުޅިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިންސާނީ ހައްގުތައް ކަށަވަރު ކުރެވޭނީ ދައުލަތުގެ ހިންގުން ހަރުދަނާ ކުރެވިގެން ކަމަށެވެ. އެގޮތުން އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި ފަރުދުންގެ ހައްގުތަކަށް އިހުތިރާމް ކުރާ ފަދައިން ދައުލަތުގެ ހައްގުތަކަށް އިހްތިރާމްކުރުން މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން މިއަހަރު ކޮށްފައިވާ "ރައިޓް ސައިޑް އޮފް ލައިފް" ދިރާސާގެ ރިޕޯޓް ނެރެދެއްވާފައެވެ. މި ދިރާސާއަކީ އެކޮމިޝަނުގެ މަސައްކަތާއި ރާއްޖޭގެ އިންސާނީ ހައްގުތައް ކަށަވަރު ކުރެވޭ މިންވަރު ވަޒަންކޮށް، ހައްގުތަކަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް ކުރާ ދިރާސާއެކެވެ.

ހިއުމަން ރައިޓްސް ދުވަހާއި ގުޅިގެން އައްޑޫ ސީޓިގައި ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނައިރު މިއަދު ހަވީރު އައްޑޫ ސިޓީ ސްކެއާގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.