ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލް މިއަދު ތަގުރީރު ކުރައްވައިފިއެވެ.
ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި އެންމެހައި ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި މި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ހަލީލް ވަނީ ދެއްވާފައެވެ އަދި އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތަގްރީރުގައި އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކައުންސިލްގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ގާއިމުކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ހައްގެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ރާއްޖެއިން އަދާކޮށްފައިވާ އިސްދައުރު ފާހަގަކުރެއްވިއެވެ.
އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައްވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި، މިންތީގެ ހަމަހަމަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބައިވެރިކުރުން އިތުރުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާއި އެވެށީގައި ދިރިއުޅޭ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ފަދަ އިޖުތިމާއީ ކަންކަމަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށް ވެސް އެމަނިކުފާނު ވާހަކަ ދެއްކެވިއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދީފައިވާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި ގެއްލިފައިވާ ފުރާނަތަކުގެ މައްޗަށް މިނިސްޓަރު ޑރ. ހަލީލްގެ ވާހަކަފުޅުގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ފަލަސްތީނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ. .
އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަން ކުރިއަށް ދަނީ 24 ފެބްރުއަރީ އިން 4 އޭޕްރީލް 2025 އަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައެވެ. ދިވެހިރާއްޖެއަކީ 2023 އިން 2025 ވަނަ އަހަރުގެ ނިޔަލަށް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ މެންބަރު ގައުމެކެވެ.