ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ އިދާރާ ނުވަތަ ކުންފުނީގެ އެންގުމަކައި ނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވާ، ފެނުގެ ހިދުމަތް މެދުކަނޑާލުމުގެ މައްސަލަތައް ހުށަހަޅަމުން ދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަންގެ ގާނޫނު ގެ ދަށުން ހުށަހަޅާފައިވާ އެކި މައްސަލަތަކަށް ބަލާއިރު، ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ އިދާރާއަށް ނުވަތަ ކުންފުންޏަށް ގަވާއިދުން ބިލް ދައްކަމުންދަނިކޮށް، ގޭގެ ވެރިފަރާތުގެ އެދުމުގެމަތިން ފެން މީޓަރުގައި ތަޅު އެޅުވުމުގެ މައްސަލަ ހުށަހަޅަމުން އަންނަކަމަށެވެ. އެހެންކަމުން މި މައްސަލަތައް އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އަސާސީ ހައްގުތަކާއި މިނިވަންކަމަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްގެއްކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނީ، މިއިން އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނުއަސާސީގައި ބަޔާން ކުރާ ފަދައިން ފާސްކުރެވޭ ގާނޫނަކުން ކަމަށެވެ. އެގޮތުން ސާފު ފެން ފުދޭ މިންވަރަށް ލިބުމުގެ ހައްގަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދިރިހުރުމުގެ ހައްގާ ގުޅުންހުރި ހައްގެއްކަމުން، މިއީ އެއްވެސް މިންވަރަކަށް ނިގުޅައިގަނެވޭނެ ހައްގެއް ނޫންކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގައި މައްސަލައިގައި ޝާމިލްވާ ފަރާތްތަކާއި އަދި ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައި ދެވިފައިވާކަން ފާހަގަކޮށްފައެވެ. އަދި މިފަދަ އަމަލުތައް ހިންގާފައިވާ ފަރާތްތައް މިފަދައިން އަމަލުކުރަމުންދަނީ އެކި ފަރުދުންގެ މެދުގައި ދިމާވާ އެކި މައްސަލަތަކާއި ގުޅިގެން، އަވަސް ހައްލެއް ގެނައުމުގެ ގޮތުންކަން އެ ކޮމިޝަނަށް ލިބިފައިވާ މައުލޫމާތުން ފާހަގަކުރެވޭކަމަށެވެ.

އެހެންނަމަވެސް ސާފު ފެން ފުދޭ މިންވަރަށް ލިބުމުގެ ހައްގަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ އަސާސީ ހައްގަކަށްވެފައި، ފެނުގެ ހިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން، އެ ގެއެއްގައި ނުވަތަ ގޭބިސީގައި ދިރިއުޅެމުންދާ އެންމެހާ ފަރާތްތަކަށް މިކަމުގެ އަސަރުކުރާނެކަން ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މިއީ އެ ކޮމިޝަނުން ކަންބޮޑުވާކަމެއްކަން ފާހަގަކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އާންމުފަރުދުންގެ މެދުގައި އަދި އާންމުފަރުދުންނާ އިދާރާތަކާ ދެމެދުގައި ދިމާވާ މައްސަލަތަކުގައި، ކަނޑައަޅާފައިވާ ގޮތުގެމަތިން ގުޅުންހުރި އިދާރާއަކަށް އެ މައްސަލައެއް ހުށަހެޅުމަށާ ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.