ޓެސްލާ ކުންފުނީގެ ސީއީއޯ އީލޯން މަސްކު، އޭނާގެ ޕްރައިމަރީ ރެސިޑެންސް ކެލިފޯނިއާއަށް ބަދަލުކޮށް، އިންކަމް ޓެކްސް ދައްކަން ލާޒިމުނުވާ މަހުޖަނުންގެ ލިސްޓުން ޖާގަ ހޯދައިފިއެވެ.

އީލޯން މަސްކުގެ ޕްރައިމަރީ ރެސިޑެންސް ކެލިފޯނިއާއަށް ބަދަލު ކޮށް އިންކަމް ޓެކްސްއ ދައްކަން ނުޖެހޭނެ ކަން ކަށަވަރު ކުރިއިރު، މަޝްހޫރު މަހުޖަނުން ކަމަށްވާ އެމެޒޯން ކުންފުނީގެ ސީއީއޯ ޖެފް ބޭޒޯސްއާއި މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް މި ލިސްޓުގައި ހިމެނެއެވެ. އެމެރިކާގެ އެންމެ ވަރުގަދަ 3 މަހުޖަނުންގެ ޕްރައިމަރީ ރެސިޑެންސް މިހާރު ދަފުތަރު ކޮށްފައި ވަނީ، އިންކަމް ޓެކްސް ނުވަތަ އާމްދަނީއިން ޓެކްސް ދައްކަން ނުޖެހޭ ސްޓޭޓްތަކުގައެވެ.

އެމޭޒަން ކުންފުނީގެ ސީއީއޯ ޖެފް ބޭޒޯސް (ވ) އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ބިލް ގޭޓްސް/ފޮޓޯ: އިންޝޯޓްސް

140 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް އީލޯން މަސްކު ދިރިއުޅޭ ގެއަކަށް، "ލޯން ސްޓާ އެސްޓޭޓް" ވާނެ ކަމުގެ އަޑުތައް މީގެ ކުރިންވެސް އޮތީ ފެތުރިފައެވެ. 183.3 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް ބޭޒޯސްއާއި 118.7 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް ގޭޓްސްގެ ޕްރައިމަރީ ރެސިޑެންސް ދަފުތަރު ކޮށްފައި ވަނީ ވޮޝިންގްޓަން ސްޓޭޓްގައެވެ. ވޮޝިންގްޓަން ސްޓޭޓަކީވެސް އެމެރިކާގައި އިންކަމް ޓެކްސް ނުނަގާ 9 ސްޓޭޓްގެ ތެރޭގައި ހިމެނޭ ސްޓޭޓެކެވެ.

ކަން މިހެން އޮތްއިރު އެމެރިކާގެ އަދުގެ ރައީސް އަދި މުއްސަނދި މަހުޖަނު ޑޮނާލްޑް ޓްރަމްޕާއި އޭނާގެ އާއިލާއިންވެސް ރަސްމީ ރެސިޑެންސް ދަފުތަރުކޮށްފައި ވަނީ އާމްދަނީއިން ޓެކްސް ނުނަގާ ފްލޮރިޑާގައި ކަން ފާހަގަ ކުރަންޖެހެއެވެ.