ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހާ އެއްކޮޅަށް ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވޯޓު ދިން މައްސަލައިގައި އޮންނަ އުސޫލުން އަމަލުކުރާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމް ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ އިހުސާސްތަކާ ގުޅޭ ކަންކަމުގައި އިދިކޮޅުން މަޖިލީހުގެ ތެރޭގައިވެސް އަދި އެހެން ގޮތްގޮތުން ވެސް އަޑުއުފުލާ ވާހަކަ ދައްކާނެ ކަމަށެވެ. އަދި ޓެކްސް ބޮޑު ކުރުމުގެ ބިލާ ދެކޮޅަށް ވޯޓު ލުމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ މެމްބަރުން ތްރީ-ލައިން ވިޕެއް ނެރެފައިވާ ކަމަށާއި އެެހެންނަމަވެސް މެމްބަރު ހުސައިން އެ ވިޕާ ހިލާފުވީ ކަމަށެވެ.

ޕީޕީއެމް ހުސައިން ފިޔަވައި އެ ބިލާ ދެކޮޅަށް އިދިކޮޅުގެ ހުރިހާ މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

އަންނަ އަހަރުން ފެށިގެން ޖީއެސްޓީ 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރަން 'މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު'އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، 55 މެންބަރުންގެ ވޯޓާއެކު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.